ޚަބަރު

ކާރެއް ކޮންޓްރޯލު ނުކުރެވިގެން ފާރެއްގައި ޖެހި ފާރު ވެއްޓިއްޖެ


މިއަދު ހަވީރު ގދ. ތިނަދޫގައި ދުއްވާދިޔަ ކާރެއް ކޮންޓްރޯލު ނުކުރެވިގެން ގެއެއްގެ ފާރެއްގައި ޖެހި ފާރު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:23 ކަންހާއިރު މި އެކްސިޑެންޓް ހިނގީ މަގުމަތިން ދުއްވާދިޔަ ސައިކަލެއްގެ ކައިރިން ކާރު ނައްޓުވަން އުޅުމުގެ ތެރޭގައިކަމަށެވެ.

މި ހާދީސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބިއެވެ. އެހެންނަމަވެސް ކާރު ގޮސް ޖެހުނު ފާރު ވެއްޓީ ކާރުގެ ބަމްޕަރު ނެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ތަހުޤީގުކުރަމުން އަންނަ ކަމަށެވެ.

މާލޭގައިވެސް މިއަދު އެކްސިޑެންޓެއް ހިނގާ ޓެކްސީއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިއަދު ހެނދުނު 11:30ގައި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި އެކްސިޑެންޓް ހިނގާފައިވަނީ އެއަރޕޯޓްގެ ފިއުލް ވެހިކަލަކާއި ޓެކްސީއެއް ޖެހިގެންނެވެ. މި ހާސިދާގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.