ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ ދަށްވެ، މާޗްމަހު ދަޢުލަތަށް ލިބުނު ޖުމްލަ އާމްދަނީ 7.9 އިންސައްތަ ދަށްވެއްޖެއެވެ. އާމްދަނީގެ ދަށްވުމުގެ އިތުރަށް ދައުލަތުގެ ޙަރަދުތަށްވެސް ވަނީ އެމަހުގެ ތެރޭގައި ދަށްވެފައެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާޗްމަހުގެ މާލީހިސާބުތައް ދައްކާގޮތުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ހުސްވި އަހަރުގެ މާރޗުމަހާ އަޅާ ބަލާއިރު އިތުރުވެފައިވީ ނަމަވެސް، ޓެކްސް ނޫން ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ކަމަށްވާ، ރިސޯޓްތަކުގެ ކުލި އަދި ޑިވިޑެންޑްގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން މިދިޔަ މާޗުމަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހުސްވި އަހަރުގެ މާޗްމަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2 ބިލިއަން ރުފިޔާއެވެ. ނޮން ޓެކްސް ރެވެނިއު، ނުވަތަ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ މާޗްމަހު ވަނީ 546 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ހުސްވި އަހަރުގެ މާރޗުމަހު ލިބުނު 674 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، %18 ދަށް އަދަދެކެވެ.
މާޗްމަހު ދައުލަތުގެ ޙަރަދުތަކަށް ބަލާލާއިރު، ހުސްވި އަހަރުގެ މާޗްމަހާއި އަޅާ ބަލާއިރު ވަނީ %30.5 ދަށްވެފައެވެ. ރިކަރަންޓް ޙަރަދުތައް ވަނީ %4.8 ދަށްވެފައެވެ.
ރިކަރަންޓް ޙަރަދުތައް ދަށްވެފައިވަނީ، ދަޢުލަތުގެ އެޑްމިނިސްޓްރޭޓިވް އަދި ހިންގުމުގެ ޙަރަދުތައް އެ މުއްދަތުގައި ދަށްވެފައިވުމުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހުސްވި މާޗްމަހު، އުމްރާނީ މަޝްރޫއުތަކަށް ކޮށްފައިވާ ޙަރަދުތައްވެސް ވަނީ %69.5 ދަށްވެފައެވެ. ހުސްވި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ، ޕީއެސްއައިޕީ، އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ ގިނަ މަޝްރޫއުތަކަށް ޙަރަދުކޮށްފައެވެ.
މާރޗުމަހު ދައުލަތުން ކޮށްފައިވާ ޙަރަދު، އެމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށްވުމުން 1.1 ބިލިއަން ރުފިޔާ ވަނީ އަރަނި ވެފައެވެ.