ސިޔާސީ

މަޖިލިސް ރައީސަކަށް އެކަށީގެން ވަނީ އަފީފު - ރައީސް


19 ރައްޔިތުން މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވިލިފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޙަޞަން އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނު ހުންނެވި މަޤާމުގެ ގޮތުން މަޖިލީހުގެ ރައީސަކަށް އަންނަން އެންމެ އެކަށީގެންވާ ބޭފުޅެއްގެ ނަން ދެންނެވުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އަފީފާއި އަސްލަމާއި ދެބޭފުޅުންނާއި އެކުގައިވެސް މަަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މި ހުރި ހައިސިއްޔަތުން އަޅުގަނޑު ވަކި މީހެއްގެ ނަނމެއް ޕަބްލިކްގައި ބުނުމަކީ ރަނގަޅު ކަމެއް ނޫން، އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް ހުރީ ފެނިފަ، އަޅުގަނޑަށް އަސްލަމާއެކީގައި ވެސް މަސައްކަތް ކުރެވިފައި އެބަހުރި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އަފީފަށް ތައުރީފުކުރައްވާ ވާހަލަފުޅު ދައްކަވާފައެވެ. އަދި އަފީފުގެ އިތުރުންވެސް މަޖލީހުގެ ރައީސް ޤާސިމް އިބްރާހިމް ފަދަ ބޭފުޅޫންނަކީވެސް ވަރަށް ތަޖުރިބާ ލިބިވަޑައިގެންް ތިއްބެވި މެމްބަރުންކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.


ރައީސް އަފީފަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައި ވާއިރު މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މި ބޭފުޅުންގެ ތެރެއިން ރައީސްކަމަށް އެންމެ ވާދަކުރައްވަނީ އަފީފާއި އަސްލަމްއެވެ.

މަޖިލިސް ރައީސްކަމަށް އަންނާނެ ބޭފުޅެއްގެ ވޯޓު ނަގާނީ ނަވާރަވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރުމަށް ބާއްވާ ޖަލްސާގައެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާއި މެދު ގޮތެއް ނިންމާނީ އެޕާޓީގެ މަޖިލިސް މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު ނަގާނީ މިމަހުގެ 27ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.