ވިޔަފާރި

އެޗްޑީއެފްސީގެ ޚިއްސާއަކަށް 25 ރުފިޔާ ބެހުމަށް ނިންމައިފި


ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗް.ޑީ.އެފް.ސީގެ މިދިޔަ އަހަރުގެ ފައިދާއިން ޙިއްސާއަކަށް 25 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އެޗްޑީއެފްސީގެ ޚިއްސާއަކަށް 25 ރުފިޔާ ބެހުމަށް ނިންމީ، ސެންޓްރަލް ހޮޓެލްގައި ބޭއްވި އެކުންފުނީގެ 15 ވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ. އަހަރީ އާއްމު ޖަލްސާގައި ޚިއްސާއަކަށް 25 ރުފިޔާ ބެހުމަށް ނިންމާފައިވާއިރު، މިއީ އެކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބުނު 98.9 މިލިއަން ރުފިޔާގެ 40 އިންސައްތައެވެ. އެޗްޑީއެފްސީން މަޢުލޫމާތުދޭ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އެޗްޑީއެފްސީގެ ހެޑް އޮފީހުން ޚިއްސާ ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

އެޗްޑީއެފްސީގެ އަހަރީ އާންމު ޖަލްސާގައި ވޭތުވެދިޔަ 2018 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން 2015 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓަރހައުސް ކޮޕާރސް ޢައްޔަންކުރުމަށް ވަނީ ފާސްކޮށްފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީއަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2004 ވަނަ އަހަރު ޤާއިމްކުރި ކުންފުންޏެކެވެ. ގެދޮރު ބިނާކުރުމަށް ލޯނު ދޫކުރުމަށް ޚާއްސަވެފައިވާ މިކުންފުންޏަކީ އޭޑީބީ، އައިއެފްސީ އަދި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިއާގެ 51 އިންސައްތަ އަދި ދިވެހި ސަރުކާރުގެ 49 އިންސައްތަ ޚިއްސާ އޮންނަ ކުންފުންޏެކެވެ.