ވިޔަފާރި

ވަކިން ސިނގިރޭޓް ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށަނީ


މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކިވަކިން ސިނގިރޭޓް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހަދާންކޮށްދީފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖެނުއަރީ އެއްވަނަ ދުވަހު ގެޒެޓްކުރި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާއިދަށް މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށެވެ. އަދި އެދުވަހުން ފެށިގެން ދުންފަތުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަން އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން 31 މޭ އިން ފެށިގެން 2019 އިން ފެށިގެން ވަކިވަކިން ސިނގިރޭޓާއި ބިޑި ވިއްކުން މާނާވާނެއެވެ. އަދި ރާއްޖޭގައި އުފައްދާ، ރާއްޖޭގައި ބަންދުކުރާ، ރާއްޖޭއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ، ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަން ވާނީ އަދި ވިއްކަންވާނީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ.
އެއީ،
* ސިނގިރޭޓް: މަދުވެގެން 20 ސިނގިރޭޓު ހިމެނޭ ފޮށްޓެއް.
* ބިޑި: މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެއް.
* ދުންފަތާ ދުންފަތުގެ އެހެން ބާވަތްތައް: މަދުވެގެން 30 ގްރާމް ހިމެނޭގޮތަށް.

ވަކިން ސިނގިރޭޓް ވިއްކުމުގެ އިތުރުން ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި، މިނިސްޓްރީ އޮފް ހެލްތުން ޢާންމުކޮށްފައިވާ ގޮތަށް ފޮޓޯޖެހި ޞިއްޙަތުގެ އިންޒާރު ޖެހުންވެސް 31 މޭއިން ފެށިގެން ލާޒިމުވާނެއެވެ. އަދި ފޮޓޯޖެހި ޞިއްޙަތުގެ އިންޒާރު ޖަހާފައިނުވާ ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުންވެސް 31 މޭއިން ފެށިގެން މަނާވާނެއެވެ.

އެޗްޕީއޭއިން ބުނީ 31 މޭއިން ފެށިގެން ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ޤަވާއިދަކީ ކުޑަކުދިންނާއި ޒުވާނުންނާއި ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން ކުޑަކުރުމަށް ހަދާފައިވާ ޤަވާއިދެކެވެ.