ޚަބަރު

ޙަޤީޤަތް އޮޅޭފަދަ މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސް ކޮށްފި


އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މަޢުލޫމާތާއި ކަށަވަރުނުވާ، ތެދުނޫން މަޢުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ދިވެހިރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ސަލަމަތީ ބާރުތަކުން ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކާ ގުޅިގެން ފެތުރެމުންދާ މި ވާކަހަތަކަށް ރައްދުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަމަށެވެ.

ފުލުހުން ވިދާޅުވީ ސަލާމަތީ ބާރުތައް ގުޅިގެން ހިންގާ މި ފަރިތަކުރުންތަކުގެ މަޤްޞަދަކީ ކުއްލި ޙާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި "މަލްޓި އޭޖެންސީ ކޯރޑިނޭޝަން" ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އަދި މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ "އޮޕަރޭޝަނަލް ރެޑީނެސް" ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 119 ނުވަތަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ގުޅައި ރިޕޯރޓް ކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

ސަލާމަތީ ބާރުތަކުން ފަށާފައިވާ ތަމްރީނުތަކާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ، ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ވާނަމަ އެކަން ސިއްރު ނުކޮށް އަންގާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޢާއްމުންގެ ތެރޭގައި ބިރުވެރިކަން ފެތުރޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.