ވިޔަފާރި

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދު އިތުރުވެއްޖެ


އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެތެރޭ ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު 13.1 އިންސައްތަ އިތުރުވެއްޖެއެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ ޢަދަދު އިތުރުވެފައިވާއިރު، ހުސްވި މަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ އޭޕްރިލްމަހު ރާއްޖެއަށް އެއްލައްކަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ ސާދަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ފަަަހަރެވެ.

ޓޫެރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީ ކުރެވިފައިވާ 47,303 އެނދުގެ ތެރެއިން އެވްރެޖްކޮށް 45,006 އެނދު އޮޕަރޭޓް ކުރެވިފައިވެއެވެ.

އޭޕްރިލް މަހުގެ ނިޔަލަށް، ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ ތިން މިލިއަން ނުވަ ލައްކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ސާޅީސް ނުވައެކެވެ. މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތަކީ 74.2 އިންސައްތައެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.2 ދުވަސް ހޭދަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.