ވިޔަފާރި

ރިޒާވް ދަށްވީ އާރު.ބީ.އައިއަށް 100 މިލިއަން ޑޮލަރު ދެއްކުމުން


ފެބްރުއަރީމަހާ އަޅާބަލާއިރު މާޗުމަހު ދައުލަތުގެ ރިޒާވް ދަށްވެފައިވަނީ ކަރަންސީ ސްވޮޕްގެ ގޮތުގައި އިންޑިއާއަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ބުނެފިއެވެ.

އެމް.އެމް.އޭއިން ބުނީ ފެބްރުއަރީމަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގެ ގޮތުގައި ހުރި 938.6 މިލިއަން ޑޮލަރު މާޗުމަސް ނިމުނުއިރު 776.2 މިލިއަން ޑޮލަރަށް މަދުވެފައިވަނީ، ރިޒާވް ބޭންކް އޮފް އިންޑިއާ، އާރު.ބީ.އައިއަށް ކަރެންސީ ސްވޮޕްގެ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށެވެ. އަދި މިނޫން މުޢާމަލާތްތަކާ ގުޅިގެންވެސް ދައުލަތުގެ ރިޒާވަށް ބަދަލުތަކެއް އައުމަކީ ޢާއްމުކަމެއް ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ފެބްރުއަރީމަހާ އަޅާބަލާއިރު މާޗުމަހު ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައިވާއިރު، އެމުއްދަތުގެ ތެރޭގައި ރާއްޖޭގެ ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ދުވަހުން ދުވަހަށް ބޭނުންކުރަން ހުރި ރިޒާވްވެސް ވަނީ 14 އިންސައްތަ ދަށްވެފައެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.