ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ އަމިއްލަ 3 ގްރޫޕެއްގެ ޖާގަތައް ހަމަވެގެން އިސްލާމިކް މިނިސްޓްރީއަށް ލިސްޓް ހުށަހަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރު ޙައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ އަމިއްލަ ފަސްކުންފުންޏަކަށެވެ.
ކުންފުނިތަކަށް ޙައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. ޙައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ 5ކުންފުޏީގެ ތެރެއިން، ޖާގަތައް ހަމަވެގެން އިސްލާމިކް މިނިސްޓްރީއަށް މިހާތަނަށް ހުށައެޅި ކުންފުނިތަކީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، މިނާ ޙައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޑެޓް، އެކްރޯ ޕްރައިވެޓް ލިމިޓެޑް، މިތިން ކުންފުނިންނެވެ.
އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް 1000 ކޯޓާ ލިބިފައިވެއެވެ. މީގެތެރެއިން 550 ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، ކުންފުނި ތަކުގެ މެދުގައި ބަހާފައިވަނީ 450 ކޯޓާއެވެ. އެގޮތުން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން، ގްރޫޕުތަކަށް، ކޮންމެ ގްރޫޕަކަށް 90 ޖާގަވަނީ ދީފައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ އަލްހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސްއާއި ޒައީ ގްރޫޕު ޕްރައިވެޓް ލިމިޓެޑުންވެސް ޙައްޖައް ގެންދާ މީހުންގެ ލިސްޓް ނޯޓްކުރުމަށް މިއަދު ފަށާނެކަމަށާ ދެދުވަހެއްގެ ތެރޭގައި އެ ދެގްރޫޕްގެ ލިސްޓްވެސް މިނިސްޓްރީއަށް ލިބޭނެކަމަށެވެ.
ޙައްޖަށް ގެންދިއުމަށް ކުންފުނިތައް ހޮވާފައިވަނީ އަގަށް %35 ޚިދުމަތަށް %60 އަދި ތަޖުރިބާއަށް %5ގެ މަގުން މާކްސް ދީގެންނެވެ. މިއަހަރު ކުންފުނިތައް ހޮވާފައިވަނީ އޭޖީއާއި އިކޮނޮމިކް މިނިސްޓްރީން ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރިގެ 2 ބެފުޅުން ހިމެނޭ ކޮމިޓީއަކުންނެވެ.
ޙައްޖަށް ގެންދިއުމުގެ ކަންކަން ހަރުދަނާކޮށް، ޙައްޖަށްދާ މީހުންގެ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށް މިއަހަރުދަނީ ގްރޫޕްތަކުން ޕަރޕޯމަންސް ގެރެންޓީގެ ނަމުގައި ގެރެންޓީއެއް ހޯދަމުންނެވެ.
މި ގެރެންޓީއަކީ ޙައްޖަށް އަޅުކަމަށް ގޮސް އުޅޭއިރު ޚިދުމަތުގައި މައްސަލައެއް ދިމާވެއްޖެނަމަ، ބޭނުންކުރާނެ ފައިސާ ގްރޫޕްތަކުގައި ހުރިކަން ޔަގީންކުރުމަށް މިނިސްޓްރީއަށްދޭ ޔަގީންކަމެކެވެ. ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި، އެ ގްރޫޕަކުން ޙައްޖައް ގެންދިއުމަށް ދައްކާ ޖުމްލަ ފައިސާގެ %25 ފައިސާ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުންނަން ޖެހޭނެއެވެ. މިކަން ޔަގީންކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހުރިހާ ގްރޫޕްތަކުން މިހާރުވަނީ ޕަރފޯމަންސް ގެރެންޓީއާއި ގުޅޭ ލިޔުންތައް ހުށައަޅާފައެވެ.
ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރުވެސް އިތުރު 1000ކޯޓާ ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.