ކުޅިވަރު

އައިއޯއައިޖީއަށް ދާ ސްޕްރިންޓް ޓީމް ތަމްރީންތަކަށް މެލޭޝީޔާއަށް ފުރައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ އެތްލެޓިކްސް ސްކޮޑުގެ ސްޕްރިންޓް ޓީމް ތަމްރީންތަކަށް މެލޭޝީޔާއަށް ފުރައިފިއެވެ.

އަންނަ ޖުލައި މަހު މޮރީޝަސްގައި އޮންނަ ސަރަހައްދީ ބޮޑު ގޭމްސްއަށް އެތްލެޓިކްސްއިންވަނީ ފަސް މެޑަލް ހޯދުމުގެ އަމާޒު ކަނޑައަޅާފައިއެވެ. އަދި އެކަމަށް ތައްޔާރުވުމަށް ދުވުންތެރިން އަންނަނީ މިދިޔަ އަހަރެއްހާ ދުވަހު ތަމްރީން ހަދަމުންނެވެ. މެލޭޝިޔާއަށް ތަމްރީންތަކަށް ފުރީ ސްޕްރިންޓް ޓީމްގެ 5 ދުވުންތެރިންނެވެ. އެއީ 2015ގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ 100 މިޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދު، ސަރީސް އަހުމަދު، އިބްރާހިމް އަޝްފާން އަލީ، ނޫޖޫމް ހަސަން އަދި އިބާދުﷲ އާދަމްއެވެ.

މި ފަސް ދުވުންތެރިންނާއިއެކު މެލޭޝިޔާއަށް ފުރާފައިވަނީ ކޯޗު އަހުމަދު ފާއިލްއެވެ. އައިއޯޖީގައި ވާދަކުރާ އެތުލެޓިކްސް ޓީމްގެ މިޑްލް އެންޑް ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ ހުސެއިން ރިޒާ، ހުސެއިން ފަޒީލް ހާރޫން އަދި މުހައްމަދު ނާއިލްގެ އިތުރުން އަހުމަދު ޝަރަފް އަދި ޝިފާޒް މުހައްމަދުއެވެ. ރިޒާ، ފަޒީލް އަދި ނާއިލް އިންޑިޔާގައި ތަމްރީން ހަދަމުން އަންނައިރު، ޝަރަފް ތަމްރީން ހަދަމުންދަނީ މޮރޮކޯގައިއެވެ. އަދި ޝިފާޒް ތަމްރީން ހަދަމުންދަނީ ކެންޔާގައިއެވެ. އައިއޯއައިޖީއަށް އެތްލެޓިކްސްއިން ނެގި އަންހެން ޓީމްގައި ހިމެނެނީ ހަ ދުވުންތެރިންނެވެ.