ޚަބަރު

ހޫޘީ ޖަމާޢަތުން ސައުދީ ޢަރަބިއްޔާގެ މައްކާއަށް ހަމަލާދޭން މަސައްކަތްކުރިކަމަށް ބުނާ މައްސަލަ


ޔަމަނުގެ އަސްކަރީ ބާރުތަކާ ހަނގުރާމަ ކުރަމުންދާ އިދިކޮޅު ހޫޘީ ޖަމާޢަތުން ސައުދީ ޢަރަބިއްޔާގެ މައްކާއަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް ސައުދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ޔަމަނުގައި އިދިކޮޅު ހޫޘީންނާ ހަނގުރާމަ ކުރަމުންދާ ސަރަހައްދީ އިއްތިހާދުން ބުނެފައިވަނީ މައްކާގެ ޖިއްދާ އާއި ތާއިފް ސަރަހައްދަށް އަމާޒުކޮށް ހޫޘީ ޖަމާޢަތުން ދެ ރޮކެޓް ހަމަލާތައް ދީފައިވާ ކަމަށާއި، ސައުދީގެ ދިފާޢީ ބާރުތަކުން މި ރޮކެޓްތައް މަންޒިލަށް ވާސިލްވުމުގެ ކުރިން އެ ރޮކެޓްތައް ހުއްޓުވާފައިވާކަމަށެވެ.

މިކަމާ ބެހޭގޮތުން އެމެރިކާގައި ހުންނަ ސައުދީގެ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މައްކާގެ ޖިއްދާއާ ތާޢިފްގެ މަތިން ވައިގެ ތެރެއިން ދެ ރޮކެޓެއް ދަތުރުކުރަމުން ދަނިކޮށް ސައުދީ ޢަރަބިއްޔާގެ ދިފާޢީ ބާރުތަކުން މި ރޮކެޓްތައް ހުއްޓުވާފައިވާކަމަށެވެ.

ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ވަނީ ސައުދީ ޢަރަބިއްޔާގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެ ޖަމާޢަތުން މައްކާއަށް އަމާޒުކޮށްގެން އެއްވެސް ރޮކެޓް ހަމަލާއެއް ދީފައި ނުވާނެ ކަމަށާ މިއީ ހޫޘީންނަށް ހަމަލާތައް ދިނުމުގެ ގޮތުން ސައުދީއިން ގެންގުޅޭ އުކުޅެއް ކަމަށް ވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ.

ހުސްވި ހަފުތާގައި ސައުދީ ޢަރަބިއްޔާއިން ބުނެފައިވަނީ ގަލްފް ސަރަހައްދުގައި އޮތް އެގައުމުގެ ތެޔޮ ނަގާ ދެ ޕަމްޕަކަށް އަމާޒުކޮށް ހޫޘީ ޖަމާޢަތުން ހަމަލާތައް ދީފައިވާކަމަށެވެ. އެއަށް ފަހު ސަރަހައްދީ އިއްތިހާދުން ވަނީ ޔަމަނުގެ ހޫޘީ ޖަމާޢަތުން ކޮންޓްރޯލް ކުރާ ވެރިރަށް ސަންޣާއަށް ވަރުގަދަ ހަމަލާދީފައެވެ.