ޚަބަރު

ބޮމުގެ ހަމަލާތަކަށްފަހު ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި


މިދިޔަ މަހު ލަންކާގައި ދިން ބޮމުގެ ހަަމަލާތަކަށް ފަހު އެ ޤައުމުގެ ފުލުހުން ހިންގި އޮޕރޭޝަންތަކުގައި ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފިއެވެ.

ލަންކާ ފުލުހުން ހިންގި އޮޕރޭޝަންތަކުގައި 8 ދިވެއްސަކު ހައްޔަރުކުރި ނަމަވެސް ދެ މީހަކު ފިޔަވާ އެންމެން މިހާތަނަށް ވަނީ އެކި ފަހަރު މަތުިން ދޫކޮށްލާފައެވެ. މިއަދު ދޫކޮށްލާފައިވަނީ ދިވެހިން އުޅެމުންދިޔަ ގެއެއް ބަލާ ފާސްކުރަނިކޮށް އައިއެސް އާއި ގުޅުން ހުރި ފޮތްތަކެއް ފެނުނު މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އާދަމް މުހައްމަދު މަނިކާއި ހަސަން މަނިކުއެވެ. މި ދެމީހުން ބަންދުން ދޫކޮށްލާފައިމިވަނީ ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހުއެވެ. މި މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެ ނުވެއެވެ.

މިދިޔަ މަހު 21 ވަނަދުވަހު ލަންކާގެ ހޮޓަތަކަށާއި ބައެއް ފަޅިތަކަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހުރިހާ ދިވެހިން މިވަނީ ދޫކޮށްލާފައެވެ.

ލަންކާގައި ދިން ޓެރަރިސްޓަ ހަމަލާތަކަށްފަހު އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އެކި ދަތިތަކާއި ކުރިމަތިވަމުންދާތީ ސްރީލަންކާގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރުގައިވެސް ވަނީ އެދިފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާއާއި ފޯނުން ގުޅުއްވައި ސްރީލަންކާގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމާއި، ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.