ޚަބަރު

އެމްޓީޑީސީގެ ގެއްލުމުގެ ރިޒާވް ކުޑަކުރެވިއްޖެ


އެމްޓީޑީސީގެ ގެއްލުމުގެ ރިޒާވް އެދެވޭ މިންވަރަކަށް ކުޑަކުރެވެމުން އަންނަކަމަށާއި، ދިގުމުއްދަތުގައި ދައްކަންހުރި ދަރަނިތައް އެއްކޮށް ދައްކައި ޙަލާސް ކުރެވިފައިވާކަމަށް އެމްޓީޑީސީން ހާމަކޮށްފިއެވެ.

އެމްޓީޑީސީގެ 2018ވަނަ އަހަރުގެ މާލީ ބަޔާނުގައި ކުންފުނީގެ ޗެއާމަން ޢަބްދުﷲ ފާއިޒް ވިދާޅުވެފައިވަނީ، ނިމިގެންދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީޑީސީގެ ޖުމްލަ އާމްދަނީގެ 34 އިންސައްތަ ސާފްފައިދާގެ ގޮތުގައި ދައްކައި ގެއްލުމުގެ ރިޒާވް ކުޑަކޮށްފައިވާކަމަށެވެ.

ފައިސާ އިތުރުވެ، ކުންފުނީގެ ކުރިމަގަށް އިންވެސްޓްކުރުމުގެ ޤާބިލުކަން ލިބިފައިވާއިރު، ދިގު މުއްދަތުގެ ދަރަނިތައް ހަލާސްކޮށް، ކުރުމުއްދަތުގެ ދަރަނިވެސް ނިސްބަތުން ދަށްކުރެވިފައިވާކަމަށް ޗެއާމަން ވަނީ ވިދާޅުވެފައެވެ.

އެމްޓީޑީސީގެ މިހާރުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ ހދ ނާގޯށީގެ މައްސަލައަށް ހައްލެއް ހޯދައި، ކުންފުންޏަށް ލިބިފައިވާ ރަށްތަކުން ލިބެންޖެހޭ ފައިސާހޯދުން. މިގޮތުން މިކަންކަން ހާސިލްކުރެވިއްޖެ ނަމަ މިއަހަރުގެ އެމްޓީޑީސީގެ ފައިދާ އިތުރުވެ، ހިއްސާދާރުންނަށް ފައިދާ ބެހުމުގެ އުއްމީދު ކުންފުންޏަށް ވަނީ ލިބިފައި" އެމްޓީޑީސީގެ ޗެއާމަން ވިދާޅުވިއެވެ.

އެމްޓީޑީސީގެ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 4.6 މިލިއަން ޑޮލަރު ލިބުނުއިރު، ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 1.5 މިލިއަން ޑޮލަރެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. ނަމަވެސް މިއަދާއި ހަމަޔަށް އައިއިރުވެސް އެމްޓީޑީސީ އުފެއްދި ހަޤީޤީ މަޤްސަދު ހާސިލްވަމުން ނުދާކަމަށް ކުންފުނީގެ އާއްމު ހިއްސާދާރުން ފާހަގަކުރެއެވެ.