ޚަބަރު

ބަރެސްދޫ މަޝްރޫއުއަށް ފައިސާދެއްކި ފަރާތްތައް އެ މައްސަލަ ހުށައަޅާ - އޭސީސީ


އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދޫ މަޝްރޫއުއަށް އެއްވެސް ފަރާތަކުން ފައިސާ ޑިޕޮޒިޓްކޮށްފައިވާ ފަރާތްތަކުުން އެ މައުލޫމާތު ހިއްސާކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެދެފިއެވެ.

އޭސީސީން ބުނީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ބަރެސްދޫ މަޝްރޫއުއަށް އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރީ ޔުނިޓުތަކަށް ބައެއް ފަރާތްތަކުން ދެއްކި ފައިސާ އެކުންފުނީގެ އިސްފަރާތްތަކުން އުޞޫލާ ޚިލާފަށް ޚަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރަމުން ގެންދާކަމަށެވެ.
އޭސީީސީން ބުނީ އެ މައްސަލަ އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން ބަރެސްދޫ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށާއި އަދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ މައުލުމާތު ހިއްސާ ކުރުމަށްވެސް އޭސީސީން އެދެއެވެ.

ތަހުޤީގަށް ބޭނުންވާ މައުލޫމާތުތައް


- ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މާޢުލޫމާތު
- ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދު
- ޑިޕޮސިޓް ފައިސާ ދެއްކި ތާރީޙް
- ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް)
- ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔުންތައް


ބަރެސްދޫ ޕްރޮޖެކްޓާ ގުޅިގެން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށް ނުވަތަ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެއްވެސް ފަރާތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާނަމަ އެ މަޢުލޫމާތު 13 ޖޫން 2019ގެ 14:00ގެ ކުރިން ލިޔުމުން އަންގައިދިނުމަށްވެސް އޭސީސީން ބުނެއެވެ.

އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ލ. ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާ ހިންގުމުގެ މަޝްރޫއު ކުރީގެ ސަރުކާރުން ފުރަތަމަ ހަވާލުކުރީ އެމްއެމްޕީއާރުސީއެވެ. ބަރެސްދޫގައި 25 އެނދުން ފެށިގެން 50 އެނދުގެ 50 ގެސޓްހައުސް ހެދުމަށް އޮތީ ނިންމާފައެވެ. އަދި 100 އެނދުގެ ދެ ހޮޓާވެސް ހަދާން އޮތީ ނިންމާފައެވެ. ފަހުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ނަމުގައި ކުރީގެ ސަރުކާރުން ކުންފުންޏެއް އުފެއްދާ އެ ކުންފުންޏަށް ބަރެސްދޫ މަޝްރޫއުވަނީ ހަވާލުކޮށްފައެވެ.

ބަރެސްދޫ ހަަދަން ހަވާލުކުރި އެމްއައިޓީޑީސީ ބަޖެޓުން ގިނަ ފައިސާތަކެއް ޤަވައިދާ ހިލާފަސް ހަރަދުކުރި މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އޭގެތެރޭގއި ޕީޕީއެމުން އޮފީސް ހެދުމަށް އެމްއައިޓީޑީސީ ބަޖެޓުން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިކަމަށް ބުނާ މައްސަލަ އޭސީސީންވެސް އަންނަނީ ތަހުޤީގުކުރަމުންނެވެ.