ޚަބަރު

ލޯންޗުގެ ބެޓެރި ގޮވި ހާދިސާގައި އެކަކުގެ ހަށިގަނޑުގެ %30ވަނީ ފިހިފައި


ހުޅުމާލޭ ފަޅުގައި އޮތް ލޯންޗެއްގެ ބެޓެރި ގޮވި ޙާދިސާގައި ފިހުނު 39 އަހަރުގެ ފިރިހެން މީހާގެ ގައިގެ %30 ފިހިފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެމީހާގެ މޫނާއި އަތްވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މިޙާދިސާ ހިނގާފައިވަނީ ހުޅުމާލެ ފަޅުގައިއޮތް އެމްޓީސީސީގެ ލޯންޗެއްގެ ޕެޓްރޯލް ޕަމްޕުގެ ސުވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި ކަންޏެއް ކެނޑިގެން، ލޯންޗުގެ ބެޓެރި ގޮވައިގެންނެވެ.

ބެޓެރި ގޮވިއިރު ލޯންޗުގައި 3 މީހުން ތިބި ނަމަވެސް، އަނެއް ދެމީހުންނަށް މާބޮޑު ހާނީއްކައެއް ނުވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އަދި މިހާރު މިދެމީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ހަށިގަނޑުގެ %30 ފިހުނު މީހާ އަދިވެސް އޮތީ ހުޅުމާލެ ހޮސްޕިޓަލްގައެވެ.

މި ޙާދިސާ ހިންގާފައިވަނީ "އެމްޓީސީސީ އެކްސްޕްރެސް 1" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. ޙާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ އިއްޔެ ހެނދުނު 11:15ހާއިރުއެވެ.