ބައިލައްކައަށް ވުރެ ގިނަ މެމްބަރުންނާއި އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ އެމްޑީޕީކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އާއްމު އިންތިޚާބުތަކުގެ ޤާނޫނަށް ހިޔާލު ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފެށި މަޝްވަރާ ބައްދަލުވުންތައް ފައްޓާވާ ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ޖުމްލަ 9 ސިޔާސީ ޕާޓީ ހިންގަމުން އަންނައިރު މި އަހަރު ފެށުނުއިރު 10000 މެމްބަރުން ހަތަރު ޕާޓީއެއްގައި ހަމަވި ނަމަވެސް މިހާރު އެ އަދަދު 2 ތިރިވެފައިވާކަމަށެވެ.
މި އަހަރު ފެށުނު އިރު 10000 މެމްބަރުން ތިބި ޕާޓީތަކަކީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއެވެ. އެހެންމަމަވެސް އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 10000 މެމްބަރުން މިހާރު ހަމަވަނީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގައެވެ.
ޑީއާރުޕީ - 2870
އެމްޑީޕީ - 54302
އަދާލަތު ޕާޓީ - 6253
ޖުމްހޫރީ ޕާޓީ - 9335
ޕީޕީއެމް - 38020
އެމްޑީއޭ - 8712
އެމްއެސްއެލްޑީޕީ - 2686
އެމްޓީޑީ - 3875
ޕީއެންސީ - 3084
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރަންޖެހޭނީ ބަޖެޓް ފާސްކުރާއިރު 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހު ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދު އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ހިސާބުތަކުން ދައްކާގޮތުން އޭރު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ އޭރު ވެރިކަން ކުރަމުންދިޔަ ޕީޕީއެމްއެވެ. އޭރު ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 48129 ކަމަށެވެ. އޭރުގެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދީ 29008 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ޕާޓީތަކުގެ މްމެބަރުން ތިބި އަދަދަށް ބަލާއިރު މިހާރު އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ މެމްބަރުންގެ އަދަދު 54302 އަރާކަށެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ. ތިވަނަ އަށް މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދީ 9335އެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރުމަށް ނިންމާ އެ ފައިސާ ދޫކޮށްދިނުމަށް އިލެކްޝަަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. މި ހަތަރު ޕާޓީއަށް މި އަހަރުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން އެންމެ މެމްބަރުން ގިނަ އެމްޑީޕީއަށް 12 މިލިއަން ރުފިޔާ ލިބޭއިރު ދެވަނާގައި އޮތް ޕީޕީއެމަށް 9 މިލިއަން ރުފިޔާ ލިބެއެވެ.