ސްރީލަންކާގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރުގައި އެދިއްޖެއެވެ.
ދިވެހި ސަރުކާރުން މިކަމަށް އެދިފައވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާއާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯން ކޯލުގައި މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާގެ އާރމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރިއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމާއި، ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އޭނާ ވަނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ޝުކުރު ދަންނަވާފައެވެ. އަދި މީގެ އިތުރުން އެޙަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ޤައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރކަން ފާހަގަކުރައްވައި، އެމަނިކުފާނަށްވެސް ސްރީލަންކާގެ ފޮރިން މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ސްރީލަންކާގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ޤައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.