ސިޔާސީ

އިންތިޚާބީ ރިޝްވަތުގެ ހަތަރު މައްސަލައެއް ޕީޖީއަށް ފޮނުވައިފި


ރައްޔިތުން މަޖިލިސް އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަޙްޤީޤުކުރި އިންތިޚާބީ ރިޝްވަތުގެ މައްސަލަތަކުގެ ހަތަރު މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.

އޭ.ސީ.ސީން ތަޙްޤީޤުކުރަމުންދާ އިންތިޚާބީ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ ގޮތުން އެ ކޮމިޝަނުން އާއްމުކުރި ބަޔާނެއްގައި
ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެ ކޮމިޝަނުން އަމިއްލަ އިސްނަގައިގެންނާއި އެކި ފަރާތްތަކުން ހުށައަޅައިގެން ޖުމްލަ 22 މައްސަލައެއް ތަޙްޤީޤުކޮށްފައިވާކަމަށެވެ.

މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި 10 މައްސަލައާއި، އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެއްކަމަށް އޭސީސީން ބުނެެެއެވެ.

22 މައްސަލައިގެ ތެރެއިން މިހާތަނަށް ޖުމްލަ 16 މައްސަލައެއްގެ ތަޙްޤީޤު މަރުޙަލާ ނިމިފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

މީގެތެރޭގައި ހިމެނޭ ދަޢުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާހުރިކަމަށް ބެލެވޭ މައްސަލަތަކުގައި ދަޢުވާކުރުމާއި ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފުރިހަމަކުރަމުންދާކަންވެސް އޭސީސީން ފާހަަގަކުރެއެވެ.

ޑިއުޓީޕްރޮސިކިއުޝަންގައި 4 މައްސަލައެއް އޮތް އިރު އިތުރު 6 މައްސަލައެއް އަދިވެސް ދަނީ ތަޙްޤީޤުކުރަމުންކަމަށްވެސް އޭސީސީން ބުނެއެވެ.

އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރަންވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ. އެ ޤާނޫނުގެ ދަށުން ދެ ބާވަތެއްގެ އިންތިޚާބީ ކުށެއް ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނުގައި ބުނެފައިވަނި އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއްގެ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް ދިނުމަކީ ކުށެކެވެ. ޢަދި އިންތިޚާބަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ތަޢީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ބުނުމަކީ ކުށެކެވެ.