ޚަބަރު

ސޫދާންގެ އަސްކަރީ އިންތިޤާލީ މަޖިލީހާއި މުޒާހަރާކުރާ ފަރާތްތަކުން އަނެއްކާވެސް މަޝްވަރާ މޭޒުދޮށަށް


ސޫދާންގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށް އެ ޤައުމުގެ އަސްކަރީ އިންތިޤާލީ މަޖިލީހާއި ސޫދާންގެ އިދިކޮޅު އިއްތިހާދާ ދެމެދު ކުރިއަށްގެންދާ ވާހަކަތައް އަލުން ފަށައިފިއެވެެ.

ދެ ފަރާތުން ވެސް ބުނެފައިވަނީ ތިން އަހަރު ދުވަހުގެ އިންތިޤާލީ މުއްދަތަކާ މެދު އެއްބަސްވުމެއް ޤާއިމުކުރުމަށް ދެ ފަރާތުން ގާތްވެފައިވާ ކަމަށާއި، އެހެންނަމަވެސް ހަ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކުންވެސް އެއްބަސްވުމެއް ޤާއިމުވެފައި ނުވާކަމަށެވެ. ހޯމަ ދުވަހު މި މަޝްވަރާތައް އަލުން ފަށާނެ ކަމަށްވެސް ދެ ފަރާތުން ވަނީ ބުނެފައެވެ.

ހުސްވި ހަފުތާގައި ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާންގެ ވެރިކަން ކުރާ އަސްކަރީ ކައުންސިލުން، ސޫދާންގެ އިދިކޮޅު އިއްތިހާދާއެކު ބާއްވަމުން ގެންދިޔަ މަޝްވަރާތައް ހަތްދިހަ ދެ ގަޑިއިރަށް މެދު ކަނޑާލުމަށް ނިންމިއެވެ. މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ސޫދާންގެ އަސްކަރިއްޔާއިން އެގައުމުގެ ދުވަސްވީ ރައީސް އުމަރް ޢަލް ބަޝީރު މަޤާމުން ވަކިކުރި ފަހުން ވެސް ސޫދާންގައި ދަނީ މުޒާހަރާތަކާ އެއްވުންތައް ބާއްވަމުންނެވެ.

މި ގޮތުން، އެގައުމުގައި އެއްވި މީހުން ގޮވާލަމުންދަނީ އަސްކަރީ ވެރިކަމުން މަދަނީ ވެރިކަމަށް ވީ އެންމެ އަވަހަކަށް ބަދަލުކޮށް ބަޝީރުގެ ވެރިކަން ވައްޓާލުމަށް އެގައުމުގައި ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.