ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ހަނިގޯޅި ގަނޑުތެރޭ ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު އަބްދުލްމުހީތު މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
2012 ވަނައަހަރުގެ ފެބްރުއަރީމަހުގެ 19 ވަނަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި މުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ ގައްދޫ އަބްލަޤީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ މަރަދޫ ސަލަޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން ސ މަރަދޫ ސަލަޓަންވިލާ އަލީ މުޝައްފައުގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ކުރިމިނަލްކޯޓުން ވަނީ މިދިޔަ ހަފްތާގައި ކަނޑައަޅާފައެވެ.
ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ޝަރީއަތުން ބެލިބެލުމުން އަބްދުލް މުހީތަށް ހަމަލާދިނުމަށް އައި މީހުންގެ ތެރޭގައި މުހުޖަތު އަހްމަދު ނާސިހާއި ހިމެނޭކަމަށާއި އަދި އެޏަ މުހޫތަސް ހަމަލާދެމުންދަނިކޮށް ފެނިފައިވާކަމަށް ހެކިން ބުނެފައިވާކަމަށެވެ. އަދި ހާދިސާ ހިނގި ތަނަށް މުހައްމަދު މައިމޫން ސައިކަލެއްގައި އައި ކަަމަށާއި މުހީތަށް ހަމަލާދިން މީހުން ދިޔައީ އެ ސައިކަލަށް އަރައިގެންކަން ހެކިންގެ ހެކިބަހުން އެނގޭކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.
މި މައްސަލާގައި ކުރިމިނަލްކޯޓުން ިއއްވި ހުކުމްގައި ބުނެފައިވަނީ މި މައްސަލާގައި މުހުޖަތު އަހްމަދު ނާސިހާއި މުހައްމަދު މައިމޫނަކީ ލޭ އެހޮރުވުން ހުއްދަވެފއިވާ ބަޔަކަށް ނުވިނަމަވެސް އަބްދުލް މުހީތު މަރުވެފައިވަނީ މުހްޖަތު އަހްމަދު ނާސިހާއި ިއތު ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނުމުން ލިބުނު ޒަހަމުތަކަށް ފަރުވދެމުންދަނިކޮށްކަމަށެވެ. އަދި ތޫނު އެއްޗަކުން ޖެހުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކަމަކީ ޤިޞާޞް ވާޖިބުވާ ޤަސްދުމަރެއްކަމަށް ހުރިހާ ިއލްމުވެރިން އިއްތިފާޤުވާކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ގަސްދުގައި މީހަކު މެރުމުގެ ކުށުން މުހުޖަތު ކުށްވެރިވާކަމަށް ކަނޑައަޅާ އަދި ގަސްދުގައި މީހަކު މެރުމުގައި ކުށުން މައިމޫން ކުވެރިވާތީ އެ ދެމީހުން މެރުމަށް ހުކުމްކުރާކަމަށް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ. އަދި އިސްލާމީ ޝަރީއަތުގެ އުސޫލްތަކާއި ހިލާފު ނުވާގޮތުގެ މަތިން މުހުޖަތު އަހްމަދު ނާސިހާއި މުހައްމަދު މައިމޫން މަރާލުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާކަމަށްވެސް ހުކުމްގައިވެއެވެ.
" އިސްލާމީ ޝަރީއަތުގައިވާ އުޞޫލުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ގދ. ގައްދޫ / އަބްލަޣީގެ މުހުޖަތު އަޙްމަދު ނާޞިޙް އާއި ޅ. ނައިފަރު / ޒައިތޫނިގޭ މުޙައްމަދު މައިމޫން މަރާލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މި ގަޟިއްޔާ ނިންމީމެވެ. " ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.
މުހީތުގެ މަރާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކުރި އެވެ. މި ތިން ކުދިންގެ ތެރެއިން އެއްކުއްޖަކު ކޯޓުން މިނިވަންކުރިއިރު އަނެއް ދެ ކުދިންގެ މައްޗަށް މަރަށް މަރު ހިފުމަށް ޖުވައިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދަށުކޯޓްގެ މި ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. އެހެންމަވެސް މި މައްސަލާގައި ސުޕްރީމްކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސައިކަލުގައި އައި ގްރޫޕަކުން އުމުރުން 21 އަހަރުގެ އަބްދުލްމުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2012 އަހަރު ފެބްރުއަރީ މަހުގެ 19 ވަނަދުވަހުގެ ރޭ ދަންވަރު 1:50 ގައެވެ. މުހީތު މަރުވެފައިވަނީ ލިބުނު ޒަހަމުތަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.