ޚަބަރު

ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް އެކި ސަރަޙައްދުތަކުގައި ނެރު ބައްތި ޖަހަނީ


ކަނޑު ދަތުރުފަތުރުގެ ނިޒާމުގެ ރައްކާތެރިކަން އިތުރުކުރުމަށް ރަށްރަށާއި ގިރި،ފަރު ފަދަ ތަންތަނުގައި ބައްތިޖަހަން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުން މުދާ ހިފައިގެން އަންނަ އުޅަނދުތަކާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއަށް ދަތުރުކުރާ އުޅަނދުތަކަށް ފަސޭހަކުރުމަށް ގްރޭޓަރ މާލޭ ރީޖަންގެ ކަނޑުގެ ސަރަޙައްދުގެ 12 ތަނެއްގައި ދުރައް އަލި ފެންނަ ބައްތި މިހާރުވެސް ޖަހައި ބައްތިތައް ބޭނުންކުރަމުން އަންނަކަމަށެވެ.

ގިނަ ރަށްރަށުގެ ނެރު ބައްތިތައް ހަލާކުވެގެން އެރަށްރަށުން ޝަކުވާ ހުށަހަޅާކަމަށާ، ނެރު ބައްތިތައް ހެދުމަކީ ކައުންސިލްތަކުގެ މަސައްކަތެއް ނަމަވެސް، އެކަންކުރަން ކައުސިލްތަކުގައި ފައިސާގެ ދަތިކަން ހުރިކަން ނަޒީރު ފާހަގަކުރެއްވިއެވެ. މިކަން ޙައްލުކުރުމަށް ނެރު ބައްތި ހަލާކުވެފައި ހުރި ރަށްރަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަލައި، އެ ރަށްރަށަށް އަންނަނީ ބައްތިތައް ފޯރުކޮށްދެމުންނެވެ.

"މިހާރު 100 ސެޓް ފޮނުވައިފިން އެކި ރަށްތަކަށް. މިއަހަރު ނިމެންވާއިރަށް އެދިފައިވާ ހުރިހާ ރަށަކަށް ނެރު ބައްތިތައް ފޮނުވާނަން." ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގައި ގިނަ ތަންތަނުގައި ހުރި ދުރަށް އަލިފޮނުވާ ބައްތިތަކަކީ 1990ވަނަ އަހަރު ޖަހާފައިވާ ބައްތިތަކެއް ކަމަށެެވެ. އަދި މިތަކެތި ރަނގަޅަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން ގިނަ ބައްތިތައް ހަލާކުވެފައިވާކަމަށެވެ. ކަނޑުމަތީގެ ދަތުރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް މިނިސްޓްރީގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ނަޒީރުވަނީ ފާހަގަކުރައްވާފައެވެ.