ސިޔާސީ

ޤާނޫނާއި ޚިލާފުވުމުން ތިން ޕާޓީއެއް ޖޫރިމަނާކޮށްފި


ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 20،000 ރުފިޔާއިން އެޕާޓީން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްއިން ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވާކަން އެޕާޓީގެ އޮޑިޓު ރިޕޯޓުން ފާހަގަވާ ކަމަށެވެ. އަދި އެ މައްސަލާގައި އެޕާޓީގެ ފައިނޭންސް ކަންކަން ބަލަހައްޓާ ފަރާތްވެސް ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ޕީޕީއެމްގެ ފައިނޭންސް ކަންކަން ބަލަހައްޓާ ފަރާތް 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، އެއްވެސް ޕާޓީއަކުން އެ ޤާނޫނާ ޚިލާފު ގޮތަކަށް ފައިސާއާއި ތަކެތި ހޯދައިފިނަމަ އެ ފައިސާއާއި ތަކެތީގެ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ އަދި އެ ޕާޓީއެއްގެ މަސްޢޫލުފަރާތް ފަސްހާސް ރުފިޔާއާއި ދިހަހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

މީގެއިތުރުން ޑީއާރްޕީއާ އަދާލަތު ޕާޓީވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ. އަކްރަމް ވިދާޅުވީ އެ ދެޕާޓީ ޖޫރިމަނާ ކުރީ އޮޑިޓު ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށެވެ. އެހެންކަމުން ކޮންމެ ޕާޓީއެއް 50،000ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓިތަކާ ބެހޭ ޤާނޫނުގައި ބުނެފައިވަނީ އެއްވެސް ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، ވިހި ހާސް ރުފިޔާއާއި ފަންސާސް ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން އަކްރަމް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާގެ ތެރެއިން ޕީޕީއެމަށް ލިބެންޖެހޭ ފައިސާ އެޕާޓީއަށް ދިނުމަށް އެދި ފިނޭންސަށް ހުށަހަޅާފައިވާ ކަމަށެވެ. ޕީޕީއެމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފިނޭންސަށް މީގެކުރިން ނުފޮނުވީ، އެޕާޓީގެ އަހަރީ ރިޕޯޓުގައި މައްސަލަތަކެއް އުޅޭތީ ކަމަށް އަކްރަމް ވިދާޅުވި.

މީގެ އިތުރުން އަހަރީ ރިޕޯޓް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ރިޕޯޓް ހުށަހަޅާފައިވާތީ ޕީޕީއެމާއި އެމްޑީޕީއަށް އެކަން އިތުރަށް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ވިދާޅުވިއެވެ.