ޚަބަރު

އަވަސްފަރުވާ ހޯދަން ގުޅާނެ ޚާއްސަ ނަންބަރެއް ތަޢާރަފްކުރަނީ


އެކްސިޑެންޓް ހިންގާ ސަރަޙައްދުތަކަށް އަވަހަށް ސިއްޙީ އެހީ ފޮނުވޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި، ގުޅޭނެ ވަކިނަންބަރެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިފަދަ ނަންބަރެއް ތަޢާރަފް ކުރެވުމުން އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާ ދިނުމަށް މިހާރަށްވުރެ ރަނގަޅު ނިޒާމެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޙުސައިން ނަޒީރު ވިދާޅުވީ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ވަގުތުން ދޭންޖެހޭ ފަރުވާ ލަސްވުމުގެ ސަބަބުން އިތުރަށް ޙާލުބޮޑުވާކަމަށެވެ. ނަމަވެސް ކުއިކް ރެސްޕޮންޑް ނަބަރެއް ތާރަފްވުމާއިއެކު، އެކްސިޑެންޓް ހިންގާ ތަނަށް ވީހާވެސް އަވަހަށް އެމްބިއުލާންސް ފޮނުވައި މީހާއަށް ބޭނުންވާ ފަރުވާ ފެށުން އަވަސް ވެގެންދާނެކަމަށް ނަޒީރް ވިދާޅުވިއެވެ.
ޑަބްލިއު.އެޗް.އޯ އާއި ކަމާއި ގުޅުންހުރި އިދާރާތަކާއެކު، މަޝްވަރާކޮށް މިކަމާގުޅޭ ފްރޭމްވޯކެއް އެކުލަވާލައި، ވަރަށް އަވަހަށް ނަންބަރު ޤާއިމުކޮށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

"މިދަނީ މަސައްކަތް ފެށުމަށް ޓައިމްލައިންތައް ހަދަމުން، ނަންބަރު ޤާއިމުކުރެވުނީމައި، އެކްސިޑެންޓް ހިންގައިގެން އެނަންބަރަށް ގުޅީމައި ވަގުތުން އެމްބިއުލާންސް ފޮނުވޭނެ." ނަޒީރް ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް، ދުނީޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ގެންގުޅޭ މިންގަނޑުތައް ރާއްޖޭގައިވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ވަކި ވަރަކަށްވުރެ ބާރަށް ދުއްވޭ ތަންތަނުގައި ހެލްމެޓް އަޅައިގެން ދުއްވޭގޮތަށް ފެށި މަސައްކަތް ވަރަށް ކާމިޔާބުކަމަށް ނަޒީރް ވިދާޅުވިއވެ. މި ބަދަލާއިއެކު އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި ހާނީއްކަތައްވާ މިންވަރު މަދުވެފައިވާކަން ނަޒީރު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއިން "ޓްރެފިކް ކޮންވެންޝަން"ގައި ބައިވެރިވެ، މި ކޮންވެންޝަންގައި ހިމެނޭ ޤައުމުތަކުގައި ރާއްޖޭގެ ލައިސަން ބޭނުންކުރެވޭނެގޮތް ހެދުމަށް، ރާއްޖޭގައި ލައިންސަންސް ނަގާ މިންގަނޑުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

" ލައިސަންގެ މައްޗައް އިންޓަރނޭޝަނަލް ޕަރމިޓެއް ދެވޭނެ. އޭރުން ކޮންވެންޝަންގައި ހިމެނޭ ޤައުމުތަކުގައި ރާއްޖޭގެ ލައިސަންސް ބޭނުންކުރެވޭނެ. އެގޮތުން ޓެސްޓް ހަދާ ގޮތަށް ބަދަލުގެނެސް، ޓްރެފިކްގެ ކަންކަމަށް އާއްމުން ބޮޑަށް ހޭލުންތެރިކުރެވޭނެ." ނަޒީރް ވިދާޅުވިއެވެ.

ނަޒީރް ވިދާޅުވީ އެކްސިޑްނޓްތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ޢާއްމުނެގެ ހޭލުންތެރިކަންވެސް ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. އެކްސިޑެންޓަކުގައި ގިނައިން ގެއްލުންވަނީ މަގުމަތީގައި ހިންގާފައިދާ މީހުންނަށްކަން ފާހަގަކޮށް، ނަޒީރް ވިދާޅުވީ ޢާއްމުން މިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާނެކަމަށެވެ. އަދި ވަރަށް އަވަހަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.