ދީބާޖާ އިންވެސްޓުމަންޓަށް ބަދަލު ދިނުމަށް ކޮށްފައިވާ ޙުކުމަށް ޢަމަލު ކުރަންޖެހޭނީ ހަމަސް ފަހުން ކަމަށް ދަޢުލަތުން ސިވިލްކޯޓުގައި ދައުލަތުން ބުނެފިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ދަޢުލަތުން ބުނީ ދީބާޖާ އިންވެސްޓުމަންޓަށް ބަދަލު ދިނުމަށް 2014ވަނަ ސިވިލް ކޯޓުން ޙުކުމް ކުރިއިރު ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ދަޢުލަތަށް ސިވިލް ކޯޓުން އަންގާފައިވާ ކަމަށެވެ. ދަޢުލަތުން ވިދާޅުވީ ފަހުން އެ މައްސަލަ ހައިކޯޓުން ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ ދީބާޖާއަށް ދޭންޖެހޭ ފައިސާއެއް ކަމަށް މިދިޔަ މަހު ސުޕްރީމްކޯޓުން ކަނޑައެޅިއިރުވެސް އެ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައި ނެތް ކަމަށް ދަޢުލަތުން ވިދާޅުވެއެވެ.
ދަޢުލަތުން ވަނީ ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލްކޮށް އެދިފައެވެ. ނަމަވެސް ދީބާޖާގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވީ ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ޙުކުމުންވެސް ދީބާޖާއަށް ލިބެންޖެހޭ ފައިސާއަކީ ދަޢުލަތުން ދޭންޖެހޭ ފައިސާއެއްކަން ސާފުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމާ ދެއްވުމަށްވެސް ދީބާޖާގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.
މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ދައުލަތުން ބައެއް ކަންކަން ފާހަގަކޮށް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި އެ ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. ދައުލަތުން ފާހަގަކުރި ކަންކަމަށް ލިޔުމުން ޖަވާބުދޭން ދައުލަތުން އެދޭތީ އެކަމަށް ލިޔުމުން ޖަވާބު ދެއްވާނެކަމަށް މައްސަލަ ބައްލަވާ ބެންޗުންވަނީ ވިދާޅުވެފައެވެ.
މި މައްސަލާގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.