ޚަބަރު

ކުރުނބާގެ އަގު 70 ރުފިޔާއަށް. މިވަނީ ކިހިނެތް؟


ރަމަޟާންމަސް ފެށުނުއިރު ކަނޑޫދޫ މިރުހުގެ އަގުބޮޑުވެގެންދިޔަ ވާހަކައަކީ އެންމެ ގަދައަށް ދެކެވުނު ވާހަކައެވެ.

މިފަހަރުގެ ރަމަޟާންމަހާއި ކުރިމަތިލިއިރު، ދަތުރުވެރިންގެ މާރުކޭޓުގައި އެ އެއްޗެއްގެ އަގު ބޮޑުނުވެ ހިފެހެއްޓުނު އެކެއްޗަކީ ކުރުނބާއެވެ. ފުރަތަމަ ދިހަދުވަސް ނިމިގެންދިޔައިރުވެސް ކުރުނބާގެ އަގުހުރީ ބޮޑުނުވެ، އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ނަމަވެސް މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ގޮޅިތަކުން މިއަދު 70 ރުފިޔާއަށްވެސް ކުރުނބާ ލިބެން އެބަހުއްޓެވެ. އެންމެ އަގުހެޔޮކޮށްވެސް ކުރުނބައެއް ލިބެންހުރީ 35 ރުފިޔާއަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާ ވިއްކާ މީހުން ބުނާގޮތުން ކުރުނބާގެ އަގު އުފުލިފައިވަނީ، އެމީހުންނަށް ގަންނަން ލިބޭ އަގު ބޮޑުވުމުންނާއި، ދަތުރުފަތުރު ހުންނަގޮތުން މާލެއަށް ކުރުނބާ ގެންނަ އަދަދު މަދުވުމުންނެވެ.

މައިގަނޑުގޮތެއްގައި ދަތުރުވެރިންގެ މާރުކޭޓަށް އެންމެ ގިނަ އަދަދަކަށް ކުރުނބާ ގެންނަ ދެ ރަށުގެ ތެރޭގައި ކާށިދޫ އަދި ފުވައްމުލައް ހިމެނެއެވެ.

ފުވައްމުލަކުގައި ކުރުނބާގެ އަގު ކިހިނެތް؟

" ފުވައްމުލަކުގެ ގާޑިއާތަކުން އެންމެ އަގުބޮޑުވެގެންވެސް ކުރުނބައެއް 10 ރުފިޔާއަށް ލިބެން އެބަހުރި. ދެން ގާޑިއާތަކުގެ މީހުން ވިއްކާނީވެސް ވިޔަފާރީގެ އުސޫލުން. ރަށު ތެރެއިން އެއަށްވުރެ އަގުހެޔޮކޮށް ކުރުނބާ ލިބެން އެބަހުރި. ދެން މާލެއަށް ކުރުނބާ ގެންދާނަމަ، ނާލު ލައިގެންވެސް ކުރުނބާއެއްގެ އަގު 9 ރުފިޔާއަށްވުރެ ބޮޑުވާނެކަމަށް ނުބެލެވޭ." ފުވައްމުލަކުގައި ހުރި ޕީއެސްއެމްގެ ނޫސްވެރިޔާ ކައިސަން ބުންޏެވެ.

ކ. ކާށިދޫގައި ކުރުނބާގެ އަގު

ކާށިދޫގައި ކުރުނބާގެ އަގުހުރިގޮތަށް ބަލާއިރު، އެރަށުން އެންމެ އަގު ބޮޑުވެގެންވެސް 8 ރުފިޔާއަށް ކުރުނބައެއް ލިބެއެވެ.

"މި ރަށުން ކުރުނބައެއް 8 ރުފިޔާއަށް ގަންނަން ލިބޭނެ. ރުކަށް އެރި މީހާއަށް ދޭ އެއްޗެއް ދީފައި، ހަމަ ގައިމުވެސް އޮޑިދޮށަށް ގެންދިއުމުގެ ހަރަދާއި، ނާލާއި އެނޫންވެސް ފީތައް ކަނޑާލުމަށްފަހު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަށް ކުރުނބައެއް އެންމެ އަގުބޮޑުވެގެންވެސް 8 ރުފިޔާއަށް ވިއްކޭނެ" ކާށިދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާގެ އަގު ބޮޑުވަނީ ކީއްވެ؟

މާލޭގައި ގާޑިއާގެ ވިޔަފާރިކުރާ ނަޝީތު ބުނީ، ކުރުނބާގެ އަގުބޮޑުވުމުގެ މައިގަނޑު ސަބަބަކީ މި ވިޔަފާރީގެ ތެރެއަށް ބިދޭސީން ހަރަކާތްތެރިވުންކަމަށެވެ.

ގިނަ ފަހަރަށް ކުރުނބާ މާލެ ގެނައުމާއި ހަމަޔަށް ކުރުނބާގެ ކޮންޓްރޯލް އޮންނަނީ ބިދޭސީ މީހުންގެ އަތުގައެވެ. ރުކުން ކުރުނބާ އެޅުމާއި ބޯޓަށް ކުރުނބާތައް ގެންދިއުމާއި ހަމަޔަށެވެ. އަދި ރަށު ބޯޓުން އެ ކުރުނބާތައް މާލެ ގެނައުމާއި ހަމަޔަށެވެ.

"މާލެ ގެނައުމަށްފަހު ގިނަފަހަރަށް ކުރުނބާތައް ވިއްކާލަނީވެސް ކޮންމެވެސް ބިދޭސީއަކަށް. މި ބިދޭސީ މީހުން ގޮޅިތަކުގެ ވެރިންނަށާއި، ގާޑިއާތަކުގެ ވެރިންނަށް ކުރުނބާ ވިއްކާނީ އެންމެ އަގު ކުޑަކޮށްވެސް 20 ނުވަތަ 25 ރުފިޔާއަށް. ގޮޅިތަކުގައިވެސް ކުރުނބާ އެންމެގިނައިން ކުރުނބާ ވިއްކަން ތިބޭނީ ބިދޭސީން. އެމީހުންނަށް އެނގޭނެ ޑިމާންޑާއި، ވިކޭނެ އަގުތައް ވަރަށް ރަނގަޅަށް. ދެން އާއްމު މީހާއަށް ކުރުނބާ ގަންނަން ލިބޭނެ އަގު ނިކަން ވިސްނަވާ' ނަޝީތު ބުންޏެވެ.

ކޮންމެއަކަސް ދަތުރުވެރިންގެ މާރުކޭޓުގައި މިހާތަނަށް އަގު އެއްވަރެއްގައި ހިފެހެއްޓެމުން އައި ކުރުބާގެ އަގު މިއަދު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުވެސް ކުރުނބާގެ އަގުތައް މައްޗަށްދިޔައެވެ. ނަމަވެސް 50 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާގެ އަގު ވަނީ 70 ރުފިޔާއަށް އަރާފައެވެ.