ޚަބަރު

ބުރާސްފަތި ދުވަހުން ފެށިގެން ހޯރަފުށްޓާއި، ހަނިމާދުއަށް ސަޕްލައި ފެން ލިބޭނެ


ހއ.ހޯރަފުއްޓާއި، ހދ.ހަނިމާދުއަށް ދިމާވެފައިވާ ބޯފެނުގެ ދަތިކަން ޙައްލުކޮށްދިނުމަށް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ދެރަށަށް ސަޕްލައި ފެން ފޯރުކޮށްދެން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ހޯރަފުއްޓާއި ހަނިމާދުއަކީ ސަޕްލައި ފެނުގެ ނިޒާމް ޤާއިމުކޮށްފައިވާ ދެ ރަށެވެ. ނަަމަވެސް ދެ ރަށުގައި މިހާތަނަށް ފެނުގެ ނިޒާމް ބޭނުން ކުރަށް ފެށިފައި ނުވަނީ، އެ ދެ ރަށުގައި އުފައްދާ ފެނަކީ ރައްކާތެރި ފެންތޯ ކަށަވަރުކުރުމަށް ތަޙްލީލް ކުރެވޭނެ ވަސީލަތްތައް އެ ރަށްތަކުގައި ނެތުމުގެ ސަބަބުންނެވެ.

ހޯރަފުއްޓާއި، ހަނިމާދޫގެ ފެނުގެ ނިޒާމު ހިންގުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މިދެރަށުގެ ފެނުގެ މައްސަލަ ޙައްލުކުރުމަށް އެންވާރަމެންޓް މިނިސްޓްރީއާއި، ފެނަކަ ކޯޕަރޭޝަނާއި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކުންފުނިންވަނީ މަޝްވަރާކޮށްފައެވެ.

އަދި މި ދެ ރަށުގެ ފެނުގެ ނިޒާމުގެ ޚިދުމަތް ފެށުމަށް، ވަގުތީ ގޮތުން އެމްޑަބްލިއުއެސްސީގެ، ފެން ތަޙުލީލުކުރާ ވަސީލަތްތައް ބޭނުންކުރާ ގޮތަށްވެސްވަނީ ނިންމާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ފެނަކައިން ބުނެފައިވަނީ ފެން ޕްލާންޓްތައް އޮޕަރޭޓް ކުރުމަށް ތައްޔާރުވުމަށް ފެނަކައިގެ ޓެކްނިކަލް ޓީމްތައް މިއަދު އެ ދެރަށަށް ދާނެކަމަށެވެ. އަދި ފެނުގެ ނިޒާމް އޮޕަރޭޓް ކުރަން ފަށައި، އަންނަ ބުރާސްފަތި ދުވަހު ދެ ރަށަވެސް ސަޕްލައި ފެން ފޯރުކޮށްދޭން ފަށާނެކަމަށެވެ.

މި ފެން ޕްލާންޓްތައް އޮޕަރޭޓްކުރަން ފެށުމުން ދެރަށަށްވެސް 24 ގަޑިއިރު ސަޕްލައި ފެން ލިބޭނެއެވެ. އަދި ފެން ޕްލާންޓުން އުފައްދާ ފެން ގެތަކަށް ފޯރުކޮށްދޭނީ ކޮންމެ ދުވަހަކުވެސް ފެން ޓެސްޓް ކުރުމަށް ފަހުއެވެ. އަދި މި ދެރަށުގައިވެސް ފެން ޓެސްޓްކުރާ ދާއިމީ ނިޒާމެއް ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި ޤާއިމުކުރާނެކަމަށް ފެނަކައިން ބުނެއެވެ.

ހޯރަފުއްޓާއި ހަނިމާދުއާއި ދެރަށުގައިވެސް، ދުވާލަކު 90 ޓަނުގެ ފެން އުފެއްދޭނެ ނިޒާމް ޤާއިމުކޮށްފައިވެއެވެ. އަދި ކޮންމެ ރަށެއްގައިވެސް 300 ޓަނުގެ ފެން ރައްކާކުރެވޭ ޓޭންކް ބަހައްޓާފައިވެއެވެ.

މިދެރަށަށްވެސް ފެން ނެގޭވަރަށް ވާރޭ ނުވެހޭތާ 6 ވަރަކަށް މަސްވަނީ ވެފައެވެ. ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ގިނަ ރަށްތަކަކުން ބޯފެން ހުސްވެ ފެނަށް ޖެހެއެވެ.
މިފަދަ ރަށްތަކަށް އާއްމުކޮށް ފެން ފޯރުކޮށްދެނީ ފެނުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އެހީގައި ފެން ތާންގިތަކަށް އަޅައިގެންނެވެ.