ޚަބަރު

ބައިސްކޯފަށް އައު މަދަހަ އަލްބަމެއް


ދިރާގާއި ބައިސްކޯފް ގުޅުގެން މަދަހަ އަލްބަމެއް މިއަދު ނެރެފިއެވެ.

" އާލަމް" ނަމުގައި ތައްޔާރުކޮށްފައިވާ މި މަދަހަ އަލްބަމް ނެރުމަށް ދިރާގް ހެޑް އޮފީހުގައި ވާހަކަދައްކަވަމުން ދިރާގްގެ މެނޭޖަރ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން މުހައްމަދު ފާރިހް ވިދާޅުވީ، އާލަމް މަދަހަ އަލްބަމް މިހާރު، ބައިސްކޯފް އެޕުން ގަނެވޭނޭކަމަށެވެ.
އަށް މަދަހަ ހިމެނޭ މި އަލްބަމް ދިރާގް ކަސްޓަމަރުންނަށް 69 ރުފިޔާއަށް ގަނެވޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

އާލަމް އަލްބަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފް ވިދާޅުވީ، މަދަހައިގެ ޅެންތައް ހައްދަވާފައިވަނީ، އޭނާގެ އިތުރުން ކުޅަދާނަ ޝާއިރު، އާދަމް ނަސީރު ކަމަށެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން ޅެންވެރިއެއްގެ މަސައްކަތްވެސް މި އަލްބަމުގައި ހިމެނޭކަމަށް އީސަ ވިދާޅުވިއެވެ. އާލަމް މަދަހަ އަލްބަމްގެ މަސައްކަތް ނިންމާފައިވަނީ 10 ދުވަހުގެ ތެރޭގައެވެ.

ބައިސްކޯފްގެ ކުރިއޭޓިވް ޑިރެކްޓަރު އަބްދުﷲ ހާފިޒް ވިދާޅުވީ، އާލަމް މަދަހަ އަލްބަމަކީ، ރަމަޟާނަމަހަށް ހާއްސަކޮށްގެން ނެރުނު މަދަހަ އަލްބަމެއްކަމަށެވެ. ބައިސްކޯފުން މިހާރުވެސް 100 އަށްވުރެ ގިނަ މަދަހަ އަޑުއަހާލެވޭނެއެވެ

އާލަމް މަދަހަ އަލްބަމުގައި ހިމެނޭ މަދަހަތައް ކިޔާފައިވާ މަޝްހޫރު ލަވަކިއުންތެރިންގެ ތެރޭގައި، މުމްތާޒް، ރާފިޔަތު، ފާތިމަތު ރައޫފް އަދި ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝާއިނާ ހިމެނެއެވެ.

އާލަމް މަދަހަ އަލްބަމުގައި މުޅިންވެސް ހިމެނޭނީ ކާއިނާތާއި ބެހޭ މަދަހަތަކެވެ. ބައިސްކޯފް މެދުވެރިކޮށް މަދަހަ އަލްބަމްގައި ހިމެނޭ މަދަހަތައް މިހާރު އަޑުއަހާލެވޭނޭކަމަށް ބައިސްކޯފް ޓީމުން ބުނެއެވެ.

ބައިސްކޯފަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ. ބައިސްކޯފް އެޕްލިކޭޝަނުން ރާއްޖޭގެ އެހާރާއި މިހާރުގެ ފިލްމްތަކާއި، ޑްރާމާތަކާއި، ވީޑިއޯ ލަވަތަކުގެ އިތުރުން އޯޑިއޯ ލަވަ އާއި މަދަހަތައް ލިބެންހުރެއެވެ.