ޚަބަރު

ފެޝަން ފުރުޓްގެ އަގަށް ބަދަލެއް ނާދޭ


ރަމަޟާންމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި އަގުތައް އެންމެބޮޑަށް އުފުލުނު ބާވަތްތަކުގެ އަގުތައް މިހާރުވަނީ ދަށަށްގޮސްފައެވެ.

ރަމަޟާންމަހުގެ މިހާ ހިސާބަށް އައިއިރު އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި އެއްޗެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޖުމްހުރީ މޭވާއެވެ.

ފެޝަން ފުރުޓް ނުވަތަ ޖުމްހުރީ މޭވާގެ އަގު ބާޒާރުގައި އުޅެނީ ކިލޯއެއް 70 ރުފިޔާ އާއި 80 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ޖުމްހުރީ މޭވާއަކީ ފަނި ގިރުމަށް ދިވެހިން އާއްމުކޮށް ވަރަށްގިނައިން ބޭނުންކުރަމުން އަންނަ މޭވާއެކެވެ. އަދި ތަފާތު ބާވަތްތަކުގެ ފޮނިކާ ތަކެތި ތައްޔާރުކުރުމަށްވެސް ޖުމްހޫރީ މޭވާ ބޭނުންކުރެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ހާމަކުރާގޮތުގައި ބާޒާރުގައި ޖުމްހޫރީ މޭވާގެ އަގު ދަށަށް ނުގޮސް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނަނީ ޖުމްހޫރީ މޭވާ ބާޒާރަށް ލިބުން މަދުވީމައެވެ. ޖުމްހޫރީ މޭވާގެ އަގު ބޮޑަސް ޑިމާންޑު ރަނގަޅު ކަމަށާއި، އާއްމުކޮށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ޖުމްހޫރީ މޭވާ ވިކޭ ކަމަށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން ތަކެތިވިއްކާ މީހުން ބުނެއެވެ.

މީގެކުރީ އަހަރުތަކުގައި ޖުމްހޫރީ މޭވާ ކިލޯއެއް 40 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ލިބެންހުއްޓެވެ. މިއަހަރުގެ ރަމަޟާންމަހު ޖުމްހޫރީ މޭވާ ބާޒާރަށް ލިބުން މަދުވެފައިވަނީ، ރާއްޖޭގެ އެއްވެސް ރަށަކުން ބާޒާރަށް ޖުމްހޫރީ މޭވާ ނުލިބޭތީއެވެ. ޖުމްހޫރީ މޭވާ ބާޒާރަށް އަންނަނީ ހަމައެކަނި އިންޑިއާ އަދި ލަންކާއިން ކަމަށް ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.