ކުޅިވަރު

އައްސަދުގެ ހެޓްރިކާއެކު ސިފައިން ޕޮލިސް ބަލިކޮށްފި


އައްސަދު އަބްދުލް ޢަނީގެ ހެޓްރިކާއެކު ދިވެހި ސިފައިންގެ ކްލަބުން ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރަމަޟާން ވެޓަރަންސް ކަޕްގައި އިއްޔެ ކުޅުނު މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ހަތަރެއް އެކަކުންނެވެ. މިމެޗުގައި ދިވެހި ސިފައިންގެ ކްލަބުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އައްސަދު އަބްދުލް ޢަނީ ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ރަމީޒެވެ.
މިމެޗުގައި ޕޮލިސް ކްލަބުން ކާމިޔާބުކުރި ހަމައެކި ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ޝުޖާއުއެވެ.

މިމެޗުގައި މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ އައްސަދެވެ. އަދި މެޗުގެ ސާޅީސް ފަސް އަހަރުން މަތީގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ހަމްދާން ޖައުފަރެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކްލަބް މިހާރު އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނާގައެވެ. މިމުބާރާތުގައި ޕޮލިސް ކްލަބުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.
މިމުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސްއެވެ.