ސިޔާސީ

އިންޑިއާއެކު އޮތް ގުޅުން މުޅިން އެހެން ދަރަޖައަކަށް ވަނީ އުފުލިފައި - ޝާހިދު


އިންޑިއާއާ ރާއްޖޭއާ ދެމެދު އޮތް ގުޅުން މީގެ އަހަރުތަކެއް ކުރިން ހީނަރުވެފައި އޮތް ނަމަވެސް އެ ގުޅުން މިހާރު މުޅިން އެހެން ދަރަޖައަކަށް އުފުލިފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރު އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިހްތިރާމުވެސް ކުރިއަށްވުރެ ބޮޑު ކަމަށެވެ. އަދި ދެ ޤައުމުގެވެސް ސަލާމަތާއި ރައްކާތެރިކަމަށް އެކުގައި މަސައްކަތް ކުރުމަކީ އެންމެ އެދެވިގެންވާ ރަނގަޅު ގޮތް ކަމަށްވެސް ޝާހިދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން އަވަށްޓެރި ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ އެފަދަ ނުރައްކާތެރި ހަމަލާތަކުން ސަލާމަތް ވެވޭނީ ހުރިހާ ޤައުމެއް އެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ. ޚާއްސަކޮށް އެކި ޤައުމުތަކުގައި ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލައިގެން ނޫނީ އެ މަސައްކަތް ނުކުރެވޭނެ ކަމަށާއި ރާއްޖެއިން އަބަދުވެސް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވެވޭނެ ކަމަށެވެ.

މި އިންޓަވިއުގައި ދަ ހިންދޫ ނޫހުގެ ފަރާތުން ވަނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ މީގެކުރިން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރިން ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދިނުމުގެ ޤާބިލުކަން ސަރުކާރު ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ޝާހިދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިން ނަމަވެސް އެއް ޕާޓީއަކުން ވެރިކަން ކުރުމުގެ ވިސްނުމަކީ ރައީސް ޞާލިޙުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ.