ގދ.މާވަރުލު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް މިމަހު ނިންމާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ. މާވަރުލު އެއަރޕޯޓު ތަރައްޤީކުރަނީ ބާރަ ސަތޭކަ މީޓަރުގެ ދިގު ރަންވޭއަކާއެކުއެވެ. މި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ.
މާވަރުލު އެއަރޕޯޓް މަޝްރޫޢުއަކީ 2011ވަނަ އަހަރުވެސް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތް މަޝްރޫޢުއެކެވެ. އެހެން ނަމަވެސް އެކިއެކި މައްސަލަތަކާހުރެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލާއި، ދިގު މުއްދަތެއް ވަންދެން އެއަރޕޯޓްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މާވަރުލުގައި އެއަރޕޯޓް ހެދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.
އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ އެއަރޕޯޓުގެ ރަންވޭއާއި ޓެކްސީވޭއާއި ފްލައިޓްތައް ޕާކުކުރާ އޭޕްރަން ހެދުމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފަންސާސް ހަތް މިލިއަން ރުފިޔާއަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދަނީ ރަންވޭގެ މަސައްކަތްކަމަށާ، މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށެވެ.
މި މަސައްކަތް ނިމުމާއިއެކު އެރަށުގައި ކުރިން ޢިމާރާތް ކުރަން ފަށާފައިހުރި ޓަރމިނަލްގެ ޢިމާރާތާއި އެހެނިހެން ޢިމާރާތްތައް ނިންމުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ސަރުކާރުންވަނީ މިއަހަރުގެ ތެރޭގައި ޖުމުލަ ފަސް އެއަރޕޯޓެއްގެ މަސައްކަތް ނިންމައި ދަތުރުތައް ފަށާނެކަމަށް ވިދާޅުވެފައެވެ.