ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ފާސްކޮށްފި


އެސްޓީއޯގެ ހުސްވިއަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް މިރޭ ބޭއްވި އަހަރީ އާއްމުޖަލްސާގައި ފާސްކޮށްފިއެވެ.

ހިއްސާދާރުންގެ ވޯޓުން މިގޮތަށް ފާސްކޮށްފައިމިވަނީ ޑިރެކްޓަރުންގެ ބޯޑުން ނިންމި ގޮތަށެވެ. މި ޖަލްސާއަށް ހާޒިރުވި އެސްޓީއޯގެ ހިއްސާދާރުންގެ އަދަދަކީ 504 ހިއްސާދާރުންނެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ނިންމާފައިވަނީ، ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.

މިރޭގެ ޖަލްސާގައި ކުރިއަށްއޮތް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނޭ ޑިރެކްޓަރަކަށް ހޮވާފައިވަނީ، އާމިނަތު ރުޝްމާއެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު ހޮވުމަށް ކުރިއަށްގެންދިޔަ ވޯޓުގައި ސަރުކާރުން ބައިވެރިވެފައެއް ނުވެއެވެ.


މި ޖަލްސާގައި ކުރިއަށްއޮތް އަހަރަށް އެސްޓީއޯގެ އޮޑިޓަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވަނީ، ކޭޕީއެމްޖީއެވެ. އޮޑިޓަރުގެ ފީއަކަށް ކަނޑައަޅާފައިވަނީ އަހަރަކަށް 49،820 އެމެރިކާ ޑޮލަރެވެ.

މިރޭ ބޭއްވި އެސްޓީއޯގެ 2018 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ ސުވާލުތަކަށްވެސް ޑިރެކްޓަރުންގެ ބޯޑުން ވަނީ ޖަވާބުދީފައެވެ. އާއްމު ހިއްސާދާރުންގެ މައިގަނޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ސިޓީ ހޮޓާ ނުހެދި ލަސްވާ މައްސަލައާއި، އެސްޓީއޯގެ ފައިދާ އަހަރަކަށްވުރެ އަހަރެއް ދަށަށްދާ މައްސަލައެވެ.

އެސްޓީއޯ ގްރޫޕަށް 2018 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 224 މިލިއަން ރުފިޔާއެވެ.