ޚަބަރު

ވިނަ މަރާ ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެސެޓޮކްލޯރ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި


ވިނަ މަރާބޭހެއްގެ ގޮތުގައި ބޭނުންކުރާ އެސެޓޮކްލޯރ އަކީ އިންސާނުންނަށާއި ތިމާވެއްޓަށް ނުރައްކާތެރިކަން ބޮޑު ބޭހެއްގެ ގޮތުގައި ރޮޓަޑަމް މުއާހަދާއިން ނިންމާފައިވުމާއި އެކު، ރާއްޖެއަށް އެސެޓޮކްލޯރ އެތެރެކުރުން މަނާކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އެންމެފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އެސެޓޮކްލޯރގެ އަސަރު ފަސްގަނޑަށް ކުރުމުން ބިމުއަޑީގެ ފެންފަށަލަ ތަޣައްޔަރުވެ، މީރުފެނުގައާއި ލޮނުފެނުގައި އުޅޭ ދިރުންތަކަށް ބޭހުގެ ވިހައިގެ އަސަރުކުރާ ކަމަށެވެ.

އަދި ބޭހުން ތަޣައްޔަރުވެފައިވާ ފަތްޕިލާވެލި، މޭވާ، ތަރުކާރީ، ގޮވާން ކައި އުޅޭ ޖަނަވާރަށް މިބޭހުގެ ނުރައްކާތެރިކަން ބޮޑުކަމަށާއި އެސެޓޮކްލޯރއަކީ އިންސާނުންގެ ދަރިމައިވުމާއި، ހެދިބޮޑުވުމާއި، ސިކުނޑީގެ ނާރުތަކުގެ ނިޒާމަށް ވަރަށް ގެއްލުންހުރި، ކެންސަރު ޖައްސާ މާއްދާއެއްކަން ވަނީ ހާމަވެފައިކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

އެހެންކަމުން އެ މިނިސްޓްރީން ޢާއްމުކޮށްފައިވާ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޕެސްޓިސައިޑްގެ ލިސްޓަށް އެސެޓޮކްލޯރ އިތުރުކޮށް، އަންނަ އޮގަސްޓްމަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެސެޓޮކްލޯރ އެތެރެކުރުމަށް ހުއްދަ ނުދިނުމަށް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޕެސްޓިސައިޑް އެތެރެކުރުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި ރާއްޖެއަށް ޕެސްޓިސައިޑް އެތެރެކުރުމަށް އެދި ހުށަހެޅުމުގެ ކުރިންނާއި، އެތެރެކުރުމުގެ ކުރިން ރާއްޖެއަށް އެތެރެކުރުން ހުއްދަ އަދި މަނާ ޕެސްޓިސައިޑްގެ ލިސްޓު ބަލާލުމަށް އެ މިނިސްޓްރީން އެދެއެވެ.