ޚަބަރު

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ބޮޑު - ޖީއޭއެމް


ގެސްޓްހައުސްތައް ރެގިއުލޭޓްކޮށް، އެތަންތަނުގައި ސަލާމަތީ ކަންތައްތައް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކު ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި މޫދަށް އެރި އުޅުމުގައި ސަލާމަތީގޮތުން ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ބޯޑު ބެހެއްޓުމަށް ބޭއްވި ހަފްލާގައި ވާހަަކަދައްކަވަމުން ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް، އަޙުމަދު ކަރަމް ވިދާޅުވީ، މިފަދަ ކަންތައްތައް ކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުން ގެސްޓްހައުސް ވިޔަފާރި ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމަށެވެ.

" ކުރިން ރެގިއުލޭޓްކުރުމުގެ ބައި ދިޔައީ ވަރަށް ދަށްކޮށް، ގެސްޓްހައުސްތަކަށް ބްލޭމް އަންނަނީ ޑްރެސް ކޯޑް ކަންތަކާއި، ސޭފްޓީ ކަންތަކުގައި. މިހާރު ސަރުކާރުގެ ފަރާތުން އިސްނަގައިގެން ބޯޑުތައް ހަރުކޮށް، ލައިފްގާޑުން ބެހެއްޓުމުން، މިފަދަ ކަންތައްތަށް ވަރަށް ބޮޑަށް ހައްލުވެގެންދާނެ،" ކަރަމް ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމާއިއެކު އާއްމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ސީދާ ގޮތެއްގައި މަންފާ ލިބިގެން ދާނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންތައް ހުރި ގޮތްތައް ބެލުމަށް، ޓޫރިޒަމް މިނިސްޓްރީން މިހާރު ގެންދަވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންތައްތައް ހުރި ނެތްގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި، ރަގަޅު ކުރުމަށް އަންގަމުންނެވެ.