ވިޔަފާރި

ސިންގަޕޯރ އެއަރލައިންސްއަށް ރެކޯޑް އާމްދަނީއެއް، އެކަމަކު ފައިދާ ދަށަށް


މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިބުނަސް، ކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާކަމަށް ސިންގަޕޯރ އެއަރލައިންސްއިން ހާމަކޮށްފިއެވެ.

ސިންގަޕޯރ އެއަރލައިންސްއިން ބުނީ މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ 16.32 ބިލިއަން ޑޮލަރަށް އަރާކަމަށެވެ. އަދި މިއީ 3.3 އިންސައްތައިގެ ކުރިއެރުމެއްކަމަށް ސިންގަޕޯރ އެއަރލައިންސްއިން ބުނެއެވެ. ސްކޫޓް އަދި ސިލްކް އެއަރވެސް އޮޕަރޭޓްކުރާ ސިންގަޕޯރ އެއަރލައިންސްއިން ބުނީ މިދިޔަ އަހަރު އެކުންފުނިން ޚިދުމަތް ހޯދި ޕަސިންޖަރުންގެ އަދަދުވެސް 7.2 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ އާމްދަނީއެއް ސިންގަޕޯރ އެއަރލައިންސްއަށް ލިބުނަސް އެކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ ދަށްވެފައެވެ. އެގޮތުން އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 682.7 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރު އެކުންފުންޏަށް ލިބުނު 1.3 ބިލިއަން ޑޮލަރުގެ ސާފު ފައިދާއަށްވުރެ 47.5 އިންސައްތަ ދަށް އަދަދެކެވެ.

ސިންގަޕޯރ އެއަރލައިންސްގެ ސާފު ފައިދާ ދަށްވެފައި މިވަނީ އެކުންފުނީގެ ޚަރަދުތައް މައްޗަށް ދިއުމުންކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން އެކުންފުނީގެ ޚަރަދުތައް 7 އިންސައްތަ ނުވަތަ 999 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، އޭގެ ބޮޑު ބައެއް ޚިއްސާ ކުރަނީ ތެލަށް ކުރާ ޚަރަދެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދާއިރު ސިންގަޕޯރ އެއަރލައިންސްއިން ތެލަށް ކުރި ޚަރަދު 668 މިލިއަން ޑޮލަރަށް އަރައެވެ. މީގެއިތުރުން ކުންފުނީގެ ބޯޓުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ލޯނުތަކެއް ނަގާފައިވުމަކީވެސް އެއަރލައިންގެ ޚަރަދުތައް މައްޗަށް ދިއުމުގެ ސަބަބެއްކަމަށް ސިންގަޕޯރ އެއަރލައިންސްއިން ބުނެއެވެ.

ސިންގަޕޯރ އެއަރލައިންސްއިން ބުނީ ބުކިންގސްއަށް އަންނަ ގޮތުން އެއަރލައިނަށް އޮންނަ ޑިމާންޑްބޮޑުކަން އެނގޭކަމަށާއި އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށެވެ. ނަމަވެސް ބައެއް ޤައުމުތަކުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން އަސަރުތަކެއްކުރުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ސިންގަޕޯރ އެއަރލައިންސްއިން ލަފާކުރެއެވެ.