ސިޔާސީ

އީސީގެ މެންބަރުކަމުން ޝަރީފް އިސްތިއުފާދެއްވަނީ


އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވަން ނިންމަވާފައިވާކަމަށް އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްނިއުސްގެ "އެކްސްކުލޫސިވް"އަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ވަރަށް ގިނަ ގޮންޖެހުންތަކާއިއެކުވެސް އެކޮމިޝަންގެ ޒިންމާތައް އަދާކުރެއްވުނުކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ، މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީކަމަށެވެ.

"މިހާރު ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން މިއަންނަނީ. އިންތިޚާބަށް ތައްޔާރުވާއިރު މަޤާމު ހުސްކުރުމުގެ ބަދަލުގައި އިންތިާބު ފުރިހަމަކޮށްފައި ދިއުމުގެ ވިސްނުން ގެންގުޅެނީ." ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފަކީ އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސްބޭފުޅެކެވެ. ޝަރީފް ވަނީ ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމުގައި ރައީސް ޔާމީނާއި ޚިޔާލު ތަފާތުވި އެކި ކަންތައްތަކާއި ސިޔާސީ މައިދާނުގައި ދިމާވި ގޮންޖެހުންތައް ވަރަށް ތަފްސީލުކޮށް ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމުގައި ކިޔައިދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްގެ މި ޚާއްޞަ އިންޓަރވިއު ހިމެނޭ ޕްރޮގްރާމް "އެކްސްކްލޫސިވް" ހުކުރުދުވަހު މެންދުރުފަހު ދެގަޑި ތިރީހުގައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެއެވެ.