ކުޅިވަރު

ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ލާޒިއޯ ހޯދައިފި

ދޭއް ސުމަކުން އެޓަލާންޓާ ބަލިކޮށް ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ލާޒިއޯ ހޯދައިފިއެވެ.

ރޭގެ މެޗު ލާޒިއޯއިން ކާމިޔާބު ކުރިނަމަވެސް، އެޓަލާންޓާގެ ކުޅުންތެރިންނާއި ކޯޗު ވަނީ މެޗުގައި އެޓީމާ ދެކޮޅަށް ދިޔަ ނިންމުމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ރޭގެ މެޗުގައި ލާޒިއޯގެ ފުރަތަމަ ގޯލު މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިލަންކޮވިޗް-ސަވިޗްއެވެ. އެޓީމުގެ ދެ ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޔޮކުއިން ކޮރެއާއެވެ.

މިއީ ދެހާސް ތޭރަ ވަނަ އަހަރުގެ ފަހުން ލާޒިއޯ މިމުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު އަދި މިއީ ލާޒިއޯ ކޮޕާ އިޓާލިއާ ކާމިޔާބުކުރި ހަތް ވަނަ ފަހަރެވެ. ޗެމްޕިއަންކަމާ އެކު ލާޒިއޯއަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ލިބުނުއިރު ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެން އެޓަލާންޓާއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ލީގުގައި ބާކީ ދެ މެޗު އޮތްއިރު އެޓީމު މިވަގުތު އޮތީ އިޓަލީ ލީގުގެ ހަތަރު ވަނައިގައިއެވެ. ލީގުގައި އެޓީމަށް ބާކީ އޮތީ ޔުވެންޓަސް އަދި ސަސުލޫއާ ވާދަކުރަންޖެހޭ މެޗެވެ.