ކުޅިވަރު

ކިއު އައި ފުޓްސަލް ފިއެސްޓާގެ ކުއާޓަރ ފައިނަލްގައި ކުޅޭ ޓީމްތައް ކަށަވަރުވެއްޖެ


ޅ. ހިންނަވަރުގައި ކުރިއަށްގެންދާ ކިއު އައި ފުޓްސަލް ފިއެސްޓާގެ ކުއާޓަރ ފައިނަލްގައި ކުޅޭ ޓީމްތައް ކަށަވަރުވެއްޖެއެވެ.

ގްރޫޕް ސްޓޭޖްގައި ރޭ އެފްސީ ފްރެންޑްސް އާ ވާދަކުރި މެޗް ހަ ލަނޑު ހަތަރު ލަނޑުން ކާމިޔާބުކޮށް، ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕް ދޭއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކުއާޓަރއިން ޖާގަ ހޯދީ ސޮސް ބޯއީސްއެވެ. އެ ގްރޫޕްގެ ރަނަރަޕް ޓީމްގެ ގޮތުގައި ކުއާޓަރއިން ޖާގަ ހޯދީ އެފްސީ ހޯޕްއެވެ.

ގްރޫޕް ތިނެއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކުއާޓަރގައި ވާދަކުރާނީ ރިވަރ ސައިޑްއެވެ. ދެވަނަ ޓީމަކީ ފެލިވަރެވެ. ރިވަރ ސައިޑް ގްރޫޕްގެ އެއްވަނަ ހޯދީ ރޭ ކުޅުނު މެޗްގައި ފެލިވަރު ހަތް ލަނޑު ސުން ލަނޑުން ބަލިކޮށްގެންނެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު އެންމެ ފަހު މެޗް ޓޯރާބޯރާ ހަ ލަނޑު ހަތަރު ލަނޑުން ބަލިކޮށް ގްރޫޕް ހަތަރެއްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓަރގެ ޖާގަ ކަށަވަރު ކުރީ ޓީއެންޓީއެވެ. ޓީއެންޓީ އަށް އެއްވަނަ ލިބެނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. މި ގްރޫޕުން ކުއާޓަރގަ ވާދަކުރާ ދެވަނަ ޓީމަކީ ހުރަވަޅިއެވެ.

ގްރޫޕް އެކަކުން ކުއާޓަރގައި ވާދަކުރާނީ ސްކޯޕިއަންސް އަދި އެފްސީ ޝެޑޯސްއެވެ.