ޚަބަރު

އީރާނުން އަދިވެސް އޮތީ 2015ގެ އެއްބަސްވުން ދަމަހައްޓަން ތައްޔާރަށް: ޚާރިޖީ ވަޒީރު


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015 ވަނަ އަހަރު އެ ޤައުމާއި ދުނިޔޭގެ ބާރުތަކުން ޤާއިމުކުރި ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް މި އެއްބަސްވުމުގެ ދަށުން އީރާނުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ޖަޕާނަށް ކުރެއްވި ދަތުރެއްގައި އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ، މިދިޔަ އަހަރު މޭމަހު އެމެރިކާއިން މި އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށިފަހުން ރައްދުގައި ފިޔަވަޅުތައް އެޅުމަށް އީރާނުންވެސް ބޭނުންވާކަމަށާއި، އެހެންނަމަވެސް އެ ޤައުމުން ޚިޔާރުކޮށްފައިވަނީ ފިޔަވަޅުތައް ނާޅާ ކުރިއަށްދެވޭނެ މަގެއްކަމަށެވެ.

ޒަރީފް ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، މިކަމަކީ އީރާނުން ޤަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ. އީރާނުން ބުދަ ދުވަހު ވަނީ 2015 ވަނަ އަހަރުގެ އެއްބަސްވުމުން ދަށުން އެ ޤައުމުން ކުރަންޖެހޭ ބައެއް ކަންކަން ކުރުން ހުއްޓާލާފައެވެ. އެހެންނަމަވެސް، އެ ޤައުމުން އަދި މިހާތަނަށް. އެ އެއްބަސްވުމާ ޚިލާފުވެފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ވިދާޅުވީ، 2015 ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަކީ މުހިއްމުކަމެއް ކަމަށާއި، މި އެއްބަސްވުން އީރާނުން ތަންފިޒުކުރަމުން ދިއުމަށް ޖަޕާނުން ގޮވާލާކަމަށެވެ.