ޚަބަރު

ސިންގަޕޯ އެއަރލައިންސްގެ ކާގޯ އޭޖެންޓަކަށް ސެންޗޫރިއަން


ސިންގަޕޯ އެއަރލައިންސްގެ ކާގޯ ސޭލްސް އޭޖެންޓަކަށް ސެންޗޫރިއަން އެއަރ ހަމަޖައްސައިފިއެވެ.

ސިންގަޕޯ އެއަރލައިންސްގެ ކާގޯ ސޭލްސް އޭޖެންޓަކަށް ސެންޗޫރިއަން ހަމަޖައްސައި އެގްރީމަންޓްގައި ސޮއިކޮށްފައިވަނީ، އެކަމަށްޓަކައި އިއްޔެ، ސިންގަޕޯ އެއަރލައިންސްގެ ދިވެހިރާއްޖޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސިންގަޕޯ އެއަރލައިންސްގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖެނެރަލް މެނޭޖަރު އަޙްމަދު ޒުހުރީ ޖޯޙަރީއެވެ. ސެންޗޫރިއަން އެއަރގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ނިޒާރުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެންޗޫރިއަން އެއަރގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ނިޒާރު ވިދާޅުވީ، ސިންގަޕޯ އެއަރލައިންސް އާއިއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން އިތުރު ޤައުމުތަކަށް މުދާ ބޭރުކުރުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ.
މިއާއިއެކު މަހުގެ ބާވަތްތަކާއި އެނޫންވެސް ބާވަތްތައް އެކްސްޕޯޓްކުރުމަށް އިތުރު މާކެޓްތަކުން ފުރުސަތު ލިބި ރާއްޖޭގެ އެކްސްޕޯޓާއި އުފެއްދުންތެރިކަން އިތުރަށް ކުރިއަރައިގެން ދިއުމަށް ފުރުސަތު ބޮޑުވެގެންދާނޭކަމަށްވެސް ސެންޗޫރިއަން އެއަރއިން ބުނެއެވެ.

ސެންޗޫރިއަން އެއަރ އަކީ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސެންޗޫރިއަން އެއަރ އަކީ، ވައިގެ މަގުން ގެނެވޭ މުދަލާއި، އަދި އަންނަ ފަސެންޖަރުންނަށް ޙިދުމަތްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.