ޚަބަރު

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގެ ކޯޓާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ކޯޓާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުތަކުގެ އިތުރުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަހައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ޝައުގުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހި ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ޤަވާއިދާއި، ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ.

ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދަކީ މިއަހަރުގެ ޖޫންމަހުން ފެށިގެން އަންނަ އަހަރުގެ މެއިމަހުގެ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށް 15،000 މެޓްރިކް ޓަނުގެ ކޯޓާއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ފޯމު، އެ މިނިސްޓްރގެ ވެބްސައިޓުގެ އިތުރުން މިނިސްޓްރީގެ ކައުންޓަރުން މިހާރު ދޫކުރަމުންދާނޭކަމަށެވެ.

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ކޯޓާއަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިހިނގާ މެއިމަހުގެ އޮނަތިރީސް ވަނަ ދުވަހެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ކޯޓާއަށް އެދިފައިވާ އަދަދު 15،000 ހާހަށްވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން އަންނަ އަހަރުގެ މެއިމަހުގެ ނިޔަލަށް ކޯޓާ ވިއްކަމުންދާނޭކަމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ