ވިޔަފާރި

މިދިޔަމަހު ބޮއިންގ ކުންފުންޏަށް އެއްވެސް އޯޑަރެއް ނުލިބޭ!


މަތިންދާބޯޓު އުފައްދާ މަޝްހޫރު ބޮއިންގ ކުންފުންޏަށް މިދިޔަމަހު މަތިންދާބޯޓެއް އުފެއްދުމަށް އެއްވެސް އޯޑަރެއް ނުލިބޭކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބޮއިންގ ކުންފުނިން އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ނިމުނު އޭޕްރީލްމަހު މަތިންދާބޯޓެއް އުފެއްދުމަށް އެއްވެސް އޯޑަރެއް އެކުންފުންޏަކަށް ނުލިބެއެވެ. ބޮއިންގ ކުންފުނީގެ ބޯޓުތަކުގެ ތެރެއިން ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް އުދުހުން މަނާކޮށްފައިވާއިރު، ބޮއިންގ ކުންފުނިން ބުނީ މައްސަލަ ޖެހުނު ބޯޓުގެ އިތުރުން، އެކުންފުނީގެ އެހެން މަރުކައިގެ ބޯޓެއް ގަތުމަށްވެސް އޯޑަރެއް ލިބިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު ބޮއިންގ ޓްރިޕްލް ސެވަން މަރުކައިގެ ބޯޓުވެސް ހިމެނެއެވެ.

ބޮއިންގ ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ ދެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއަށްފަހު މިދިޔަ މާޗުމަހުން ފެށިގެން އެމަރުކައިގެ ބޯޓުތައް ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް އެދުވަސްވަރުވެސް ދެ އެއަރލައިނަކުން ވަނީ މަތިންދާބޯޓު އުފެއްދުމަށް އެކުންފުންޏާ ޙަވާލުކޮށްފައެވެ. އެއީ ލުފްތަންސާއިން އޯޑަރުކުރި 20 މަތިންދާބޯޓާއި ބްރިޓިޝް އެއަރވޭސްއިން އޯޑަރުކުރި 18 މަތިންދާބޯޓެވެ. ނަމަވެސް އޭގެފަހުން އެކުންފުންޏަށް މަތިންދާބޯޓު އުފެއްދުމަށް އެއްވެސް އޯޑަރެއް ލިބިފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ.

ބޮއިންގ ކުންފުނީގެ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް ފިޔަވައި އިތުރު ބޯޓުތަކަށް މައްސަލަތަކެއް ކުރިމަތިވެފައެއް ނުވެއެވެ. ތަޖުރިބާކާރުން ބުނަނީ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތަކަށް ކުރިމަތިވި މައްސަލައިގެ ސަބަބުން ބޮއިންގ ކުންފުނިން މަތިންދާބޯޓު ގަތުން ބައެއް ފަރާތްތަކުން މަޑުޖައްސާލާފައިވާކަމަށެވެ. ނަމަވެސް އެހެން ބައެއް ފަރާތްތަކުން ބުނަނީ އެއަރލައިންތަކުން މަތިންދާބޯޓުތައް ނުގަނެ މަޑުކުރަނީ ބޮއިން ކުންފުނިން އެކުންފުނީގެ މަތިންދާބޯޓުތަކުގެ އަގުތައް ތިރިކޮށްފާނެކަމަށް ލަފާކުރާތީކަމަށެވެ.

އުދުހުން މަނާކޮށްފައިވާ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ބޯޓުތައް ބޭނުންކުރާ ބައެއް އެއަރލައިންތަކުން ބުނީ އެއަރލައިންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބޮއިންގ ކުންފުންޏާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށެވެ.
މިދިޔަމަހު މަތިންދާބޯޓު އުފެއްދުމަށް ބޮއިންގއަށް އެއްވެސް އޯޑަރެއް ނުލިބޭއިރު، އެކުންފުންޏާ ވާދަވެރި އެއަރބަސް ކުންފުންޏަށް ވަނީ 76 މަތިންދާބޯޓުގެ އޯޑަރު ލިބިފައެވެ.