ވިޔަފާރި

ޓީޓީއެމްގެ އެއަރލައިން ޕާޓްނަރަކަށް މޯލްޑިވިއަން


ޓީޓީއެމްގެ ފެއަރގެ އެއަރލައިން ޕާޓްނަރަކަށް، ޤައުމީ އެއަރލައިން މޯލްޑިވިއަން ހަމަޖައްސައިފިއެވެ.

ޓީޓީއެމް ފެއަރގެ އެއަރލައިން ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސާ އެކަމާ ގުޅޭ އެއްބަސްވުމުގައި ޓީޓީއެމް ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސަނީ އުމަރުއެވެ. މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް ގެޓަވޭސްއިން ބުނީ މިއަހަރުގެ ފެއަރއަށް ބޭރުގެ 300 ޓުއަރ އޮޕަރޭޓަރުން ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ޓީޓީއެމް ފެއަރއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. ޓީޓީއެމް ސަމިޓްގެ އިތުރުން މި ފެއަރގެ ތެރެއިން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެއިން މިހާތަނަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުންވެސް ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ. މިއަހަރު ޓީޓީއެމް ފެއަރގެ ތެރެއިން ކުރިއަށްދާ ޓީޓީއެމް ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ.

ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ބައިވެރިވިއެވެ.