ޚަބަރު

2020 ގެ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނޭކަމެއް ނޫން: ޕޮމްޕެއޯ


2020 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވުމަށް މަސައްކަތްކުރުމަކީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވުމަށް ކުރި މަސައްކަތްތައް ތަކުރާރު ނުވާނެކަން ކަށަވަރުވާނެފަދަ ފިޔަވަޅުތަކެއް އެޅުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރަޝިޔާއަށް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މިކަމަށް ގޮވާލައްވާފައިވަނީ، ރަޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ސޯޗީއަށް ކުރެއްވި ދަތުރެއްގައި ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓީންއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވުމަށް މަސައްކަތްކުރުމަކީ އެމެރިކާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، ރަޝިޔާއިން މިފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ އެމެރިކާ އާއި ރަޝިޔާއާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ވިދާޅުވީ، ރަޝިޔާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށާއި، އެމެރިކާގެ މި ތުހުމަތުތައް ތަޙުޤީޤުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ކަނޑައެޅުއްވި ޚާއްސަ ކައުންސިލް ރޮބަރޓް މުލަރގެ ރިޕޯޓުން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނާ ރަޝިޔާއާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުވެފައިކަމަށެވެ.

އަދި މި ރިޕޯޓް މިހާރު ނެރުމާއެކު، އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުންތައް އަލުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.