ޚަބަރު

ބްރެކްސިޓްގެ މައްސަލައިގެ ޖޫންމަހުގެ ވޯޓު ނާކާމިޔާބުވެއްޖެނަމަ އިނގިރޭސިވިލާތް އީ.ޔޫގައި ދެމިއޮންނަންޖެހުން ގާތް: ފޮކްސް


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން އަންނަ މަހުގެ ކުރީކޮޅު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުގައި އެއްބަސްވުމެއް ފާސްނުކޮށްފިނަމަ، އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް، ނުވަތަ އެ އިއްތިހާދުގައި ދާއިމީ ގޮތެއްގައި ދެމި އޮތުމަށްވެސް އިނގިރޭސިވިލާތަށް މަޖުބޫރުވެގެންދާނެކަމަށް އިނގިރޭސިވިލާތުގެ ވިޔަފާރިއާ ބެހޭ ވަޒީރު ލިއަމް ފޮކްސް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެ ޤައުމު ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭ އެއްބަސްވުން ތިން ފަހަރެއްގެ މަތިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، ޤާނޫނު ހަދާ މަޖިލީހުން ތިން ފަހަރުވެސް ވަނީ މި އެއްބަސްވުމަށް ރުހުން ދިނުމަށް ދެކޮޅުހަދާފައެވެ.

ލަންޑަންގައި ކުރިއަށް ގެންދިޔަ ހަފުލާއެއްގައި ވާހަކަދައްކަވަމުން ފޮކްސް ވިދާޅުވީ، އަންނަ ޖޫންމަހުގެ ކުރީކޮޅު ނަގާ ވޯޓުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޚިޔާރުކުރަން ބޭނުންވާ މަގާ މެދު މިހާރުއްސުރެ ވިސްނަންޖެހޭ ކަމަށާއި، މިކަމުގައި ޤައުމަށް އެންމެ މަންފާހުރި ގޮތް ޚިޔާރުކުރަން ޖެހޭކަމަށެވެ. އަދި މިކަމުގައި 2016 ވަނަ އަހަރު އިނގިރޭސިވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމްކޮށް މިކަން ހަޤީޤަތަކަށް ހެދުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އޮތް ޒިންމާ، އެ ފަރާތުން އަދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފޮކްސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު އަންގާރަ ދުވަހު ވިދާޅުވީ، މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ކުރިން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭ އެއްބަސްވުން ފާސްކުރުން މުހިއްމުކަމަށާއި، މިކަމަށްޓަކައި އަންނަ ޖޫން މަހުގެ ކުރީކޮޅު ވޯޓެއްނަގަން ޖެހޭނެކަމަށެވެ.