ޚަބަރު

ދީބާޖާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ބާޠިލްކުރުމަށް ދައުލަތުން ސިވިލް ކޯޓުގައި އެދިއްޖެ


ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުންޏަށް ސަރުކާރުން 348 މިލިއަން ރުފިޔާ ދޭން ޖެހޭކަމަށް ކޯޓުން ކުރި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ބާޠިލްކުރުމަށް ދައުލަތުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަނީ ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އެގޮތުން ދީބާޖާ އިންވެސްޓްމަންޓަށް 348،995،154.60 (ތިންސަތޭކަ ސާޅީސް އަށް މިލިޔަން ނުވަލައްކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ދައްކަންޖެހޭކަމަށް ބުނާ ސިވިލް ކޯޓުގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަން ފަށާފައިވަނީ އެކޯޓުން 02 ސެޕްޓެމްބަރ 2015 އިން ފެށިގެން ޢަމަލުކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސް ނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އާ ޚިލާފަށްކަމަށް އޭޖީ އީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ބަޔާނުގައި ވިދާލުވެފައިވަނީ ޙުކުމް ތަންފީޛުކުރުމުގައި ސިވިލް ކޯޓުން ޢަމަލުކުރަމުން ގެންދާ އުޞޫލުގައިވާ ގޮތުން، 15 ފެބްރުއަރީ 2015 ގެ ފަހުން ކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން މަހަކު ވަކިވަރެއް ދައްކަމުންގޮސް ފައިސާ ޚަލާސްކުރާގޮތަށް ޙުކުމްކޮށްފައިވާ މައްސަލަތަކުގައި، އެމަހަކަށްޖެހޭ ވަރު އެމަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގައިފައިނުވާނަމަ، އެޙުކުމް ތަންފީޛުކުރުމަށް ކޯޓުން އިސްވެ ފަށާނީ ޙުކުމުގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުންކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުން ދީބާޖާގެ މައްސަލަ ހިންގާފައިވަނީ އެއުސޫލާ ޚިލާފަށް ކަމަށްވެސް މި ބަޔާނުގައި ވިދާލުވެފައިވެއެވެ.

އަދި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، 15 ފެބްރުއަރީ 2015 ގެ ކުރިން ކޮށްފައިވާ ޙުކުމެއްކަމަށްވެފައި، އުޞޫލުގައިވާ ގޮތުން، އެފަދަ ޙުކުމެއް ތަންފީޛުކުރުމަށް ކޯޓަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ފޯމަކުން ކަމަށާ، އަދި އެމައްސަލައެއް ޙުކުމް ތަންފީޛު ޑިވިޜަނަށް ފޮނުވުމުގެ ކުރިން ސުލްޙަވެރި ޙައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީނަމަވެސް، އެކަން އެގޮތަށް ކޮށްފައި ނުވާކަމަށްވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާލުވެފައިވެއެވެ.

މީގެ އިތުރުން ދީބާޖާ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން ކަމަކަށް ނުފެންނަ ކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ. އަދި ސިއްރު ހިފަހައްޓަންޖެހޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނުކުރުމަކާ ނުލައި، ސިވިލް ކޯޓުން މީޑިއާއަށް އެކަން އަންގާފައިވީނަމަވެސް، ދީބާޖާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ކަންހިނގާ ދިޔަ ގޮތުގެ މަޢުލޫމާތު ސިވިލް ކޯޓުން މީޑިއާއަށް ހާމަކުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަޞްލަޙަތެއް ޝާމިލުވާ މައްސަލައެއްގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ އަޑުއެހުމެއްގައި ކަންހިނގާދިޔަ ގޮތުގެ ފުރިހަމަ މަޢުލޫމާތު ޢާންމުކޮށް އެންމެހައި ފަރާތްތަކަށް ލިބިދިނުމަށް ހުރަސްއެޅުންކަމަށްވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހެދި އެއްބަސްވުމަކީ އުތުރު ޕްރޮވިންސަށް ފެރީގެ ޚިދުމަތް ދިނުމަށް 2010ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުމެކެވެ. މި އެއްބަސްވުން ބާޠިލުކޮށްފައިވަނީ 2013ވަނަ އަހަރު ޑރ.ވަހީދުގެ ސަރުކާރުންނެވެ. އެ އެއްބަސްވުން ބާތިލް ކުރީ ދިބާޖާއިން އެއްބަސްވުމާއި ޚިލާފުވެފައިވާތީ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ދައުލަތުން މިއެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް ދީބާޖާ ކުންފުނިން ހުށަހެޅި މައްސަލާގައި 2014ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ދިބާޖާއަށް 348.10 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. އަދި އެހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާޠިލްކޮށްފައެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާޠިލްކޮށް ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައިނުވާ މައްސަލައެއްގެ ގޮތުގައި ނިންމައި ސިވިލް ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ނިންމާފައެވެ.