ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް މަޝްވަރާ ބައްދަލުވުންތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އިންތިޚާބުތަކާއި ބޭހޭ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް ކުރިއަށްއޮތް ދެ ހަފްތާގެތެރޭގައި މަޝްވަރާ ބައްދަލުވުންތަކެއް ފަށްޓަވާނެކަމަށެވެ. މި މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކާއި ކަމާއި ގުޅުންހުރި މުވައްސަސާތަކުން ބައިވެރިވާނެކަމަށްވެސް އަކުރަމު ވިދާޅުވިއެވެ. އަކްރަމު ވިދާޅުވީ މި ބައްދަލުވުންތަކުގައި ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވާރާ ކުރުމަށް ނިންމާފައިވާކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ގެނެސްގެން ނަމަވެސް ޕާޓީތަކުގެ ކައުންސިލާއި ލީޑަރޝިޕުން 30 އިންސައްތަ އަންހެންނުނަށް ޚާއްސަކުރަންޖެހޭކަމަށްވެސް އަކްރަމު ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނޫތަކަށް އިސްލާހު ހުށައެޅުމަށް ބާއްވާ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްސަފުން އަންހެނުނަށް ވަކި މިންވަރެއް ޚާއްސަކުރުމުގެ ޚިޔާލު ހުށައަޅާނެކަމަށްވެސް އަކުރަމު ވިދާޅުވިއެވެ.
ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް އަކްރަމު ގޮވާލި ގޮވާލުމަށް ތާއީދުކުރައްވާ ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު ވިދާޅުވީ މުއްސަނދި ހިންގުުމުގެ ނިޒާމަކަށް ތަފާތު ޚިޔާލުތަކާއި ތަޖުރިބާ ބޭނުންވާކަމަށެވެ. އެހެންކަމުން ހަރުދަނާ ހިންގުމުގެ ނިޒާމަކަށް ސިޔާސީ ނިންމުން ނިންމޭ ފަންތީގައި އަންހެންނުންގެ ހިއްސާ އިތުރު ކުރުމުގެ މުހިއްމުކަން އައިމަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިސްސަފުގައި އަންހެނުން އިތުރު ކުރަންޖެހޭކަމަށްވެސް އައިމަން ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށްވެސް އިޞްލާޙު ހުށައަޅާފައެވެ. މި އިޞްލާޙުގައިވަނީ ކޮންމެ ކައުންސިލަކަށްވެސް އަންހެން ކައުންސިލަރުން އިންތިޚާބުކުރުން ލާޒިމްކޮށްފައެވެ. އެގޮތުން ކޮންމެ ކައުންސިލެއްގައި %33 އަންހެނުން ހިއްސާވާންޖެހޭކަމަށް ބުނެފައިވާއިރު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އުޖޫރަ ކަނޑައެޅުންވެސް ހިމަނާފައިވެއެވެ.