ޚަބަރު

ހައްޖައް ގެންދިޔުމަށް ހުއްދަ ދިނުމުގައި އޮޅުވާލުމެއް ނޯންނާނެ - އިސްލާމިކް މިނިސްޓްރީ


ހައްޖައް މީހުން ގެންދިއުމަށް މަރކްސް ދިނުމުގައި އެއްވެސް އޮޅުވާލުމެން ނޯންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޙައްޖައްދާ ގްރޫޕްތައް ހޮވުމުގައި މައްސަލައެއް އުޅެގެން މިހާތަނަށް އެއްވެސް ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީއަށް ޝަކުވާ ހުށައަޅާފައި ނުވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ހައްޖައް މީހުން ގެންދިއުމަށް ގްރޫޕްތައް ހޮވުމުގައި މާކްސްދިން ގޮތާއިމެދު ހިތްހަމަނުޖެހިގެންކަމަށް ބުނެ ސިސިލްފަރު ޙައްޖު ގްރޫޕުންވަނީ އިސްލާމިކް މިނިސްޓްރީއާދެކޮޅަށް ދަޢުވާވެސް ކޮށްފައެވެ. މިދަޢުވާގައިވަނީ ޙައްޖަށް މީހުން ގެންދިއުމަށް ކުންފުންނިތައް ހޮވާފައިވަނީ މަޢުލޫމާތު ދިންގޮތާ ޚިލާފަށް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ނިންމުން ބާޠިލްކުރުމަށް އެކުންފުނިންވަނީ ޝަރީޢަތުގައި އެދިފައެވެ.

ހައްޖައް މީހުން ގެންދިއުމަށް 18 ކުންފުންޏަކުން މިއަހަރު ހުށައެޅިއިރު، އިވަލުއޭޓް ކުރުމަށްފަހު ހުއްދަ ދީފައިވަނީ 5 ކުންފުންޏަކަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިޢު ޢަލީ ވިދާޅުވީ ރަސްމީކޮށް މިނިސްޓްރީއަށް ހުށައަޅާއިފިނަމަ މާކްސްދިން ގޮތުގެ ތަފްސީލް އެ ގްރޫޕަކާއި ޙިއްސާކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.
ޙައްޖައް މީހުން ގެންދިއުމުގައި މަރކްސް ދީފައިވަނީ އަގަށް 35 އިންސައްތައެވެ. ޚިދުމަތަށް 60 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައިގެ މަގުން މާކްސް ދީގެންނެވެ.

މިނިސްޓްރީން ވަނީ ބިޑްތައް އިވަލުއޭޓް ކުރުމަށްފަހު މާކްސް ދީފައިވާ ގޮތްތައްވެސް ހާމަކުރައްވާފައެވެ. އަދި އިތުރުރަށް މަޢުލޫމާތު ބޭނުންވާނަމަ އެކަން އިސްލާމިކް މިނިސްޓްރީއަށް ހުށައެޅުމުން، ކަނޑައެޅިފައިވާ އުސޫލުގެ މަތިން މަޢުލޫމާތު ޙިއްސާ ކުރައްވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

"ކުންފުނީގެ ތަޖުރިބާއަށް ބަލަނީ މުއްދަތަކަށް ނޫން. ދޭ ޚިދުމަތަށް. އެގޮތުން ގްރޫޕާއިއެކުދާ އިސްވެރިޔާއާއި، އިސްވެރިޔާއާއި ނައިބުގެ ތަޖުރިބާއާއި، ދީނީ އިލްމުވެރިންގެ ގޮތުގައި ދާ ފަރާތްތަކާއި، ގްރޫޕާއިއެކުގައިދާ ސިއްޙީ އެހީތެރިންގެ ތަޖުރިބާއަށްވެސް ވަކިން މަރކްސް ދީފައިވަނީ" އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިޢު ޢަލީ ވިދާޅުވިއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހޮވުނު 5 ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީންވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިވެސް ކުރައްވާފައެވެ.

މިއަހަރު ޙައްޖައް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރެޝަން ލިމިޓެޑް، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް، މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑް، އެކްރޯ ޕްރައިވެޓް ލިމިޓެޑް، އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.