ހޯމަދުވަހު ސްރީލަންކާގައި ހިންގި އެކި ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ކަރފިއު ހިންގުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.
ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ފާއިތުވި ދެތިންދުވަހު އެ ޤައުމުގައި މުސްލިމުންނާ ދެކޮޅަށް ދީފައިވާ ހަމަލާތައް އިތުރުވެފައިވާއިރު ހޯމަ ދުވަހު އެ ޤައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި މުސްލިމަކު މަރުވެފައިވާކަމަށެވެ. މިއާއެކު، ސަލާމަތީ ބާރުތަކުން ވަނީ ހޯމަ ދުވަހުގެ ރެއިން ފަށައިގެން އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ކަރފިއު ހިންގަމުންނެވެ.
ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ، މިސްކިތްތަކާއި މުސްލިމުން ހިންގާ ވިޔަފާރީތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތައްވެސް އިތުރުވެފައިވާއިރު އެ ޤައުމުގެ ހުޅަނގު އުތުރުގައި ކަރފިއު ދިގުކުރާނެކަމަށެވެ. ސްރީލަންކާގެ ފުލުހުންގެ އިސް ވެރިޔާ ޗަންދަނާ ވިކްރަމަރަތުނޭ ވިދާޅުވީ، ސްރީލަންކާގައި ހަމަނުޖެހުން އުފައްދާ ވަކި ދީނެއް ނުވަތަ ނަސްލެއްގެ ބަޔަކާ ދެކޮޅަށް ހަމަލާތައްދޭ ފަރާތްތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ.
ސްރީލަންކާގައި މުސްލިމުންނާ ދިމާކޮށް ހަމަލާތައް ދިނުން އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ޤައުމުގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާގުޅިގެންނެވެ. ސްރީލަންކާގެ ތިން ޗަރޗަކާއި ހަތަރު ހޮޓަލަކަށް އަމާޒުކޮށްގެން ދިން މި ނުރައްކާތެރި ހަމަލާތަކުގައި ދުއިސައްތަ ފަންސާހަށް ވުރެ ގިނަ މީހުން މަރުވެ ފަސް ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ހަމަލާތައް ދީފައިވަނީ އެ ޤައުމަށް ނިސްބަތްވާ ނުވަ ހަނގުރާމަވެރިން ކަމަށާ މި ހަނގުރާމަވެރިންނަކީ އެގައުމުގައި ހަރަކާތްތެރިވާ ހައްދު ފަހަނައަޅާފައިވާ ދެ ޖަމާޢަތެއްގެ މެމްބަރުންކަމަށެވެ.