ޚަބަރު

ޙައްޖަށް މީހުން ގެންދިއުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި - އޭސީސީ


ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ކޯޓާ ދޫކުރުމުގައި ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނަށް މަންފާވާގޮތަށް ކޯޓާ ދޫކުރާކަން ފާހަގަވެފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަން ފާހަގަކުރައްވައި އޭސީސީން ނެރުނު ރިޕޯޓްގައިވަނީ ޙައްޖަށް ދާމީހުންގެ ލިސްޓުގައި ފަހުން ޖެހުނު ބައެއް މީހުންނަށް، އިތުރަށް ފައިސާދީގެން ކުރިން ހައްޖަށް ދެވޭގޮތަށް ކަންކަން ކުރާކަންވެސް ފާހަގަވިކަމަށެވެ. މިފަދަ ކަންކަމުގެ ސަބުން ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދާން ބައެއް ޢާއްމުންނަށް އެތައް އަހަރެއްވަން ކިއުގައި މަޑުކުރަންޖެހޭކަން އޭސީސީން ވަނީ ފާހަގަކޮށް ފައެވެ.

ޙައްޖުގެ މައްސަލަތަކާއި ގުޅޭގޮތުން 2017ވަނަ އަހަރު އޭސީސީންއަށް 21ޝަކުވާ ހުށައަޅާފައިވެއެވެ. މިމައްސަލަތަކާއި ގުޅޭގޮތުން އޭސީސީން ކުރި ދިރާސާގައި މައިގަނޑު 6 ދާއިރާއަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އެގޮތުން ޙައްޖަށް މީހުން ފޮނުވުމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް ނެތުމާއި ބިޑް އިވެލުއޭޓްކޮށްގެން ކޯޓާދިނުމާއި ފައިސާއާއި ގުޅޭ މުޢާމަލާތްތަކާއި ޙައްޖުގައި ދޭ ޚިދުމަތްތައް އިންތިޒާމްކުރުމާއި ޙައްޖު މިޝަންގެ ކަންކަން ހަރުދަނާކުރުމާއި ސަޢުދީ ޢަރަބިއްޔާގައި އިންތިޒާމުކުރަންޖެހޭ ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް ހަރުދަނާކުރުން ހިމެނެއެވެ.

މި ރިޕޯޓްގައިވަނީ މި 6 ދާއިރާއިން ފާހަގަވި މައްސަލަތަކާއި، ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަންވެސް ހިމަނާފައެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ޙައްޖާގުޅޭ ޤާނޫނެއް ނެތުމުގެ ސަބަބުން، އެކިފަހަރު އެކި ޤަވައިދުތަކަށް ޢަމަލުކުރާ މައްސަލަ ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ޙައްޖުގެ އިންތިޒާމްތައް ޙަމަޖެއްސުމުގައި ލަސްވެ، ވަގުތު ކުޑަތަންވުމުން ކަންކަން ހަމަޖެއްސުމާއި ގުޅިގެން، ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޙައްޖަށް ދާ މީހުންގެ އަތުން ފައިސާ ނަގާކަންވަނީ ފާހަގަކުރައްވާފައެވެ.

އަދި ބިޑް އިވެލުއޭޓްކޮށް، މާކްސް ދޭ އުސޫލްގެ މަޢުލޫމާތު އެކަށީގެންވާ ވަރަށް ޙައްޖު ގްރޫޕްތަކާއި ޙިއްސާ ނުކުރުމާއި، ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަންކަން ނިންމާކަމުގެ މައްސަލަތައް ފާހަގަވިކަމަށް އޭސީސީންވަނީ ވިދާޅުވެފައެވެ. އަދި ކޯޓާ ބެހުމުގައި ވިޔަފާރިވެރިންނާއި، ސިޔާސީ މީހުންނަށް މަންފާވާ ގޮތަށް ކޯޓާ ބަހާކަމުގެ ޝަކުވާވެސް ލިބުނުކަމަށް އޭސީސީގެ ރިޕޯޓުގައި ވެއެވެ.
މީގެއިތުރުން، ފައިސާ ނަގާފައި އެކަށީގެންވާ ޚިދުމަތްތައް ނުލިބުމާއި، އިތުރައް ނަގާ ފައިސާއާއި ގުޅޭ ލިޔެކިޔުންތައް ނެތުމުގެ ސަބަބުން މައްސަލަތައް ތަޙްޤީގު ކުރުމަށްވެސް ގޮންޖެހުންތައް ދިމާވާކަން ފާހަގަކޮށްފައިވެއެވެ.

އޭސީގެ ދިރާސާ ރިޕޯޓްގައިވަނީ މިކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައްވެސް ހިމަނާފައެވެ.
އެގޮތުން ޙައްޖުގެ ކަންކަން އެއް އުސޫލަކުން ކުރިއަށްގެންދިއުމަށް ޤާނޫނެއް ހެދުމުގެ މުހިންމު ކަމާއި ދުރާލައި، ގްރޫޕްތައް އިވަލުއޭޓްކޮށް އިވަލުއޭޓްކުރާގޮތާއި މާކްސްދޭ ގޮތްތައް ގްރޫޕްތަކާ ޙިއްސާކުރުމާއި ރާއްޖެއިން، ޙައްޖުގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ހައްޖަށް ގެންދާ ގްރޫޕްތަކާ އޮންނަ ގުޅުން ބަދަހިކޮށް، ދިމާވަ މައްސަލަތައް ފަސޭހައިން ޙިއްސާކުރެވޭވެނެ ގޮތްތައް ޙަމަޖެއްސުމަށްވެސް ލަފާދެއްވާފައިވެއެވެ.

އަދި ޙައްޖާޖީންނާއި ގްރޫޕްތަކުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެގޮތް ހެދުމާއި، އަލަށް ޙާއްޖަށް ދާ މީހުން ދެނެގަނެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ލަފާދެއްވާފައިވެސް ވެއެވެ.
އަދި ކޮރަޕްޝަން ހުއްޓުވުމަށް ކަންކަން އިންތިޒާމްކުރުމަށް ވަކިގްރޫޕްތަކަށް އިސްކަންދީގެ އެހީތެރިކަން ފޯރުކޮށްނުދިނުމަށްވަނީ އެދިފައެވެ. އަދި ޙައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ދާ މީހުންނަކީ ޢަރަބި ބަހުން ވާހަކަދައްކަން އެނގޭ، ސަޢުދީ ޢަރަބިއްޔާގެ އުސޫލުތަކަށް ހޭލުންތެރި ބަޔަކަށް ހެދުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

އޭސީސީގެ މެންބަރު އާމިނަތު މިންނާ ވިދާޅުވީ މިފަދަ ދިރާސާއެއް ކުރުމުގެ މަޤްސަދަކީ މިއީ ޢާއްމު ރައްޔިތުންނާ ގުޅުންހުރި ކަމަކަށް ވެފައި، ކޮންމެ އަހަރަކުވެސް ބޮޑެތި މައްސަލތަކެއް ނުކުންނަ ކަމަކަށްވާތީކަމަށެވެ.

"މިކަންކަން ކުރުމުގައި ހުރި ދަތިތައް ނައްތާލައި، ޕޮލިސީ ލެވެލްގައި ކަންކަން އިސްލާޙް ކުރުމަށް އެހީވެދިނުން ބޭނުމަކީ" މިންނާ ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތައް ބަލައި، ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހުޓުވުމަށް ދިރާސާކޮށް އެކަންކަން ހުއްޓުވުމަށް ކަމާއިބެހޭ އިދާރާތަކަށް ލަފާ ދިނުމަކީ އޭސިސީގެ ޤާނޫނު ލާޒިމްކުރާ ކަމެކެވެ.